އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ކޯރެއްގެ މަތީގައި އަޅައިފައި އޮތް ބުރިޖެއް މިއަދު ވެއްޓި ނުވަ މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ގުޖުރާތުގެ ސިއްހަތާބެހޭ ވަޒީރު ރޫޝިކޭޝް ޕަޓޭލްއާ ހަވާލާދީ ބުނެފައިވާ ގޮތުން، ގަމްބީރާގެ ނަން ދީފައިވާ އެ ބްރިޖުގެ ބައެއް ހެނދުނު ވެއްޓުމުގެ ސަބަބުން ބުރިޖުން ދަތުކުރި އެތައް ވެހިކަލެއް މަހިސާގަރު ކޯރަށް ވެއްޓިފައިވެއެވެ.
އެ ހާދިސާގައި އިތުރު ފަސް މީހަކު ޒަޚަމްވެފައިވާއިރު، ރެސްކިއު ޓީމުތައް އަންނަނީ އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ސްޓޭޓްގެ ވަޑޯދަރާ ޑިސްޓްރިކްޓްގައި އޮންނަ އެ ބުރިޖަކީ 1985 ވަނަ އަހަރު ހަދައި ބޭނުންކުރަމުން އަންނަ ބްރިޖެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަން ސްޓޭޓުގައި ހިނގި އެ ހާދިސާއާ ގުޅިގެން މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
އިންޑިއާގެ އުމްރާނީ ވަސީލަތްތަކަކީ އާންމުކޮށް ސަލަމާތީ ކަންކަން ދަށް ތަންތަނަށް ވެފައިވާއިރު، ހައިވޭތަކާއި ބްރިޖްތަކުގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.
އިންޑިއާގެ އެންޑީޓީވީ ނޫހުގައިވާ ގޮތުން، އެ ބުރިޖުގެ ހާލަތު ގޯސްވުމާ ގުޅިގެން، އެ ސްޓޭޓުގެ ސަރުކާރުން އޮތީ އައު ބުރިޖެއް އެޅުމަށް މީގެ ކުރިން ނިންމައިފައެވެ. އެގޮތުން ބުރިޖުގެ ސާވޭއެއް ހަދައި، އައު ބުރިޖުގެ މަސައްކަތް ފެށި ނަމަވެސް، ދުވަސްވީ ބުރިޖު ދިޔައީ ބޭނުން ކުރަމުންނެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ އެ ބުރިޖު މަތިން އުޅަނދުތައް ދުއްވާއިރު ބުރިޖު ރައްކާތެރިނޫންކަން އިހުސާސުވާ ކަމަށް ބުނެފައެވެ.
ކޭބަލް ބޭނުންކޮށްގެން ހަދާފައިވާ ޒަމާންވީ އިތުރު ބްރިޖެއްވެސް 2022 ވަނަ އަހަރު ގުޖުރާތުގެ ކޯރަކަށް ވެއްޓި 132 މީހުން މަރުވެފައިވެއެވެ.