އިންޑިއާގެ ޑީޕް-ޓެކް ސްޓާޓްއަޕެއް ކަމަށްވާ ކްވެޝްޗަން ވަޓްސް ރިއަލްއިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ ސްމާޓް އައިނެއް "ހަމްބަލް"ގެ ހަމުގައި ތައާރަފުކޮށްފިއެވެ.
މިއީ އިންޑިއާގައި އުފެއްދި މިފަދަ ފުރަތަމަ އައިނު ކަމަށް އެ ކުންފުނިން ދައުވާކުރާއިރު، މީގެ ފީޗާތައް މަޝްހޫރު ރޭ-ބޭން މެޓާ އޭއައި ގްލާސަސްއާ އެއްގޮތް ކަމަށް ބުނެއެވެ.
މި އައިނުގެ މައިގަނޑު ބޭނުމަކީ އޭގައި ހިމެނޭ އޭއައި އެސިސްޓެންޓެވެ. "ހޭ ހަމްބަލް"އޭ ކިޔައި ގޮވާލުމުން، މި އެސިސްޓެންޓް މަސައްކަތްކުރަން ފަށައެވެ. އޭގެ ފަހުން، އަނގައިން ބުނެލުމުން ވީޑިއޯ ރިކޯޑްކުރުމާއި، މީޓިންތަކާއި ދެކެވޭ ވާހަކަތައް ޚުލާސާކުރުމާއި، މިއުޒިކް ޖެހުމާއި، ރިމައިންޑާތައް ސެޓްކުރުން ފަދަ އެތައް ކަމެއް ކުރެވޭނެއެވެ.
މީގެ އިތުރުން، އެއް ބަހަކުން އަނެއް ބަހަކަށް ވަގުތުން ތަރުޖަމާކުރުމުގެ ޚިދުމަތް ވެސް މި އައިނުން ލިބޭނެއެވެ.
މި އައިނުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އެހީގައި، އޭގެ ވަށައިގެންވާ މާހައުލު ދެނެގަނެ، ތަކެއްޗާއި މުހިންމު ތަންތަން ދެނެގަތުމުގެ ގާބިލުކަން ވެސް ލިބިފައިވާއިރު، މިކަމުގެ ސަބަބުން، މަގު ދެއްކުމުގެ ޚިދުމަތް ވެސް ފަސޭހަކަމާ އެކު ލިބޭނެއެވެ.
މި އައިނު އުފެއްދި ކުންފުނިން ބުނީ، މި އައިނު ރަސްމީކޮށް މި މަހުގެ ފަހުކޮޅު ލޯންޗްކުރާނެ ކަމަށެވެ. ނަމަވެސް، އައިނު ގަންނަ ފަރާތްތަކަށް ޝިޕްކުރަން ފަށާނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
"ހަމްބަލް"އިން އިއުލާނުކުރި ނަމަވެސް، އެ ކުންފުނިން އޭގެ ހާޑްވެއާގެ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ. އަދި، އޭގައި ބޭނުންކޮށްފައިވާ އޭއައި މޮޑެލްއާ ބެހޭ މައުލޫމާތެއް ވެސް ދީފައެއް ނުވެއެވެ.
ކްވެޝްޗަން ވަޓްސް ރިއަލް ކުންފުންޏަކީ 2017 ވަނަ އަހަރު ފެށި ސްޓާޓްއަޕެކެވެ. މި ކުންފުނިން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ އޮގްމެންޓެޑް ރިއަލިޓީ (އޭއާރު)އާއި ވާޗުއަލް ރިއަލިޓީ (ވީއާރު)ގެ ދާއިރާގައެވެ. މީގެ ކުރިން ވެސް މި ކުންފުނިން ވަނީ ދެ ވައްތަރެއްގެ ވީއާރު ހެޑްސެޓާއި، "އައުރްލް"ގެ ނަމުގައި އޯޑިއޯ ސްމާޓް އައިނެއް ވެސް އުފައްދާފައެވެ.