ރީތި ލޯބީގެ ފިލްމު "އާޝިޤީ 2"ގެ ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދޭ ފިލްމު "ސައްޔާރާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ މި ފިލްމަކީ ކުރީގެ އެކްޓަރު ޗަންކޭ ޕާންޑޭއަށް ބޮޑުބޭބެ ކިޔާ އަދި ބަތަލާ އަނަނިޔާ ޕާންޑޭގެ ދެބެއިންގެ ދެދަރި އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމެވެ.
އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިތަކުގެތެރޭ ހިމެނޭ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން ގެނެސްދޭ މި ފިލްމުން އަހާންއާ އެކު ބަތަލާގެ ގޮތުގައި އަނީތާ ޕައްޑާ ވެސް ފިލްމު އިންޑަސްޓްރީއާ ގުޅޭނެއެވެ.

އަހާން ބަތަލާ އަނަނިޔާ ޕާންޑޭއާ އެކު--ފޮޓޯ/ފިލްމުފެއަ
ފިލްމުގައި އަހާން މިއުޒިކަލް ރޮކް-ސްޓާއެއްގެ ރޯލްއިން ފެންނާނެއިރު އަނީތާ ޕައްޑާ ފެންނާނީ ޅެންވެރިއެއްގެ ރޯލުންނެވެ. ޑައިރެކްޓަރު މޯހިތު ސޫރީ އާއި ވައިއާރްއެފް އަލަށް އެކީގައި މަސައްކަތް ކުރާ ފިލްމު "ސައްޔާރާ"އަކީ ފިލްމު "އާޝިޤީ 2"ގެ ހަނދާންތައް އާކޮށްލަދޭނެ ރީތި ލޯބީގެ ފިލްމަކަށްވާނެ ކަމަށް މޯހިތު ވަނީ ބުނެފައެވެ.
ފިލްމު "ސައްޔާރާ"އަށް ސޮއިކުރުމުގެ ކުރިން އަހާން ވަނީ ވައިއާރްއެފްއިން ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދިން "ދަ ރޭލްވޭ މެން"ގެ ސީރީސްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
އަހާންއާ އެކު ބަތަލާގެ ގޮތުގައި މި ފިލްމުގައި ފެންނަ އަނީތާ ޕައްޑާ ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަލާމް ވެންކީ" އަދި އެމޭޒަން ޕްރައިމްއިން ގެނެސްދިން ސީރީސް "ބިގް ގަލްސް ޑޯންޓް ކްރައި"ގައި މަސައްކަތްކޮށްފައެވެ.
ފިލްމު "ސައްޔާރާ"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ހެޔޮއެދުންތައް އަހާންއަށާއި ފިލްމުގެ ކްރޫއަށް ލިބެމުން އަންނައިރު މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.