ތުރިޕްތީގެ ފިލްމު 'ދަޅަކް 2' އޮގަސްޓް މަހު ސިނަމާތަކަށް ގެނެސްދެނީ

މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ލޯބީގެ ފިލްމު "ދަޅަކް 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ ދައްކާލާފައި ވަނީ ފިލްމުގެ އާ ޕޯސްޓަރަކާއެކު ފިލްމު ރިލިޒްކުރާނެ ތާރީޚު އިއުލާނުކުރިތާ ދެ ދުވަސް ފަހުންނެވެ.

ޝާޒިއާ އިގްބާލު ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމު "ދަޅަކް 2"ގެ ލީޑް ތަރިންނަކީ ސިދާންތު ޗަތުރަވެދީ އަދި ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ މަގުބޫލު ބަތަލާ ތުރިޕްތީ ދިމްރީއެވެ. މިއީ މި ދެ ތަރިން އެކީގައި މަސައްކަތްކުރާ އަދި ދެ ތަރިން އަލަށް ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

ފިލްމު "ދަޅަކް 2"ގެ ޓްރެއިލާގެ ބައެއް މަންޒަރުތައް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި ފިލްމު ގެނެސްދޭނެކަން އިއުލާނުކުރިތާ ދެ އަހަރުވެފައިވާއިރު ފިލްމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި މިހާތަނަށް ވަނީ ލަސްކުރެވިފައެވެ. މިއީ 2018 ވަނަ އަހަރު ދަރުމާއިން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާ ޖާންވީ ކަޕޫރު އަދި ޒުވާން އެކްޓަރު އިޝާން ހައްތަރު ލީޑް ރޯލްއިން ފެނުނު ފިލްމު "ދަޅަކް"ގެ ސީކުއަލްއެކެވެ.

ނަމަވެސް ދަރުމާއިން ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ފިލްމާއި "ދަޅަކް 2"ގައި ގެނެސްދޭ ވާހަކައާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ދެ ޒުވާނުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުން އެންމެފަހުން ސިޔާސީ ހަމަނުޖެހުމުގެ ޝިކާރައަކަށްވެ އެކަމުން ރައްކާތެރިކަން ހޯދުމަށް ކުރާ މަސައްކަތް މި ފިލްމުން ފެންނާނެއެވެ.

ކާމިޔާބު ލޯބީގެ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ދަރުމާގެ މި ފިލްމު ސިނަމާތަކަށް ގެނެސްދޭނީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.

comment ކޮމެންޓް