ޕާކިސްތާނުގެ އިތުރު ބަތަލާއެއް މަރުވެ، ކުނިވެފައި އޮއްވައި ފެނިއްޖެ

ޕާކިސްތާނު ބަތަލާ ހުމައިރާ އަސްހަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕާކިސްތާނުގެ ބަތަލާ އަދި މޮޑެލް ހުމައިރާ އަސްހަރު ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ހުމައިރާ ދިރިއުޅުނު އެޕާޓްމަންޓްގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ ޕާކިސްތާނުގެ ކަރާޗީގެ ފުލުހުންނަށެވެ. ހުމައިރާ ދިރިއުޅެމުންދިޔަ ''އިއްތިހާދު ކޮމާޝަލް'' ނަމަކަށް ކިޔާ އެޕާޓްމަންޓަށް ޕާކިސްތާނުގެ ފުލުހުން ވަނީ އެ އެޕާޓްމަންޓްގެ ވެރިމީހާގެ އެދުމުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންނާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައި ވަނީ މިދިޔަ އަހަރުން ފެށިގެން ހުމައިރާ އޭނާ ދިރިއުޅުނު އެޕާޓްމަންޓަށް މަހު ކުލި ދައްކާފައެއް ނުވެއެވެ. އެހެންވެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އެޕާޓްމަންޓަށް ވަނީ ގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށާއި އުމުރުން 32 އަހަރުގެ ބަތަލާގެ މަރުވެފައިވާ ހަށިގަނޑު އޭރު އޮތީ ހަލާކުވާން ކައިރިވެފައި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ޚަބަރުތައް ގެނެސްދޭ ޑޯން ނޫހުގައި ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ، ހުމައިރާ މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ދެ ހަފްތާ ވެދާނެ ކަމަށެވެ.

ބަތަލާގެ މަރުވެފައި ވަނީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު އެކަން ދެނެގަނެވޭނީ ޕޯސްޓް-މޯޓަމް ރިޕޯޓު ލިބުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ކުރީގެ ބަތަލާ ހުމައިރާ އެކްޓަރު ފަރުހާން ސައީދާ އެކު--ފޮޓޯ/ދަނޭޝަން

ހުމައިރާ އެކަނި ދިރިއުޅެމުންދިޔަ އެ އެޕާޓްމަންޓްގެ ހުރިހާ ދޮރުތަކެއް ވެސް ހުރީ ރަނގަޅަށް ތަޅުލައިފައި ކަމުން ބަތަލާގެ މަރުގެ ފަހަތުގައި އިތުރު މީހަކު ހިމެނޭ ކަމުގެ ހެއްކެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ މީޑިއާގައި ބުނެފައެވެ.

ހުމައިރާ މަރުވި ޚަބަރު ބަތަލާގެ އާއިލާއަށް އެންގުމުން ހުމައިރާގެ ބައްޕަ އަދި ބޭބެ ވަނީ ހަށިގަނޑާ ހަވާލުވުމަށް ދެކޮޅު ހަދާފައި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގައި ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށް މިހާރު ރިޓަޔަކޮށްފައިވާ ބަތަލާގެ ބައްޕަ ޑރ.އަސްހަރު އަލީ ފުލުހުން ގާތު ބުނެފައި ވަނީ، މީގެ އެތައް ދުވަހެއް ކުރިން އެ އާއިލާއިން ވަނީ ހުމައިރާއާ ގުޅުން ކަނޑާލާފައި ކަމަށް މީޑިއާގައި ވަނީ ބުނެފައެވެ.

އެހެންވެ އެ އާއިލާއިން މާހިރާގެ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށާއި ފުލުހުން ބޭނުން ގޮތަކަށް ކަންކަން ކުރިޔަށް ގެންދިއުމަށް މާހިރާގެ ބައްޕަ ބުނެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުގެ އޭއާރްވައިއިން ގެނެސްދިން ރިއަލިޓީ ޝޯ "ތަމާޝާ ގަރް"ގައި ބައިވެރިވެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާއިލާގެ މެމްބަރުންނާ ގުޅޭގޮތުން ވާހަކަ ދެއްކި ކަމަށާއި ޚާއްސަކޮށް ބަތަލާގެ މަންމަގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ވާހަކަ ދައްކާފައިވާ ކަމަށް ހުމައިރާގެ ސަޕޯޓަރަކު ވަނީ ބުނެފައެވެ.

މި އިންޓަވިއުގައި ހުމައިރާ ފާހަގަކުރި ގޮތުގައި ފިލްމު އިންޑަސްޓްރީއާ ގުޅުމަކީ ބަތަލާގެ ބައްޕަ ވަރަށް ނުރުހޭ ކަމެއްކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ހުމައިރާގެ އިންޓަވިއުގައި ވަނީ ބުނެފައެވެ. އާއިލާއާ އެކު އޮތް ގުޅުން އެހާ ރަނގަޅު ނޫންއިރު ހުމައިރާގެ މަންމަގެ އެއްވެސް ޚާބަރެއް ބަތަލާގެ މަރާ ގުޅިގެން ނުވާތީ ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުމައިރާގެ ފާހަގަކޮށްލެވޭ ޓެލެވިޒަން ޑްރާމާ ސީރީސްތަކުގެތެރޭ "ލާލީ"، "ބޭނާމް" އަދި "ޗަލް ދިލް މެރޭ" ހިމެނެއެވެ. މިފަހަކަށް އައިސް ސޯޝަލް މީޑިއާއާ ވަރަށް ދުރުގައި އުޅުނު ބަތަލާ އެންމެ ފަހުން އަމިއްލަ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓެއް ކޮށްފައި ވަނީ މީގެ ނުވަ މަސް ކުރިންނެވެ.

comment ކޮމެންޓް