ޗެއާމަނުން އައްޔަންކުރުމުގައި މާސްޓާސްއަށް އިސްކަންދެނީ

ޕީސީބީގެ މެންބަރުން މީގެ ކުރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި: ޕީސީބީން ވަނީ އެސްއޯއީތަކަށް ޗެއާމަނުން އައްޔަންކުރާއިރު މާސްޓާސް އަށް ކިޔަވައިގެން ތިބި މީހުންނަށް އިސްކަން ދޭން ނިންމާފައި -- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރާ ބޭފުޅުންގެ ތައުލީމީ ފެންވަރު މާސްޓާސްގައި ހުންނަން ޖެހޭނެ ކަމަށް ޝަރުތުކުރަން ހިމަނައި، ޗެއާމަނުންނަށް އައްޔަންކުރުމުގައި ބަލާނެ މިންގަނޑު އިސްލާހުކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނިންމައިފިއެވެ.

ޕީސީބީގެ ރައީސް މުހައްމަދު އަނަސް ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކުންފުނިތަކަށް ޗެއާމަނުން އައްޔަންކުރުމާ ގުޅޭ އުސޫލަށް ބަދަލު ގެންނަން ނިންމީ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ ކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެއް ކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

މި ސާކިއުލާ އާ އެއްކޮށް، ގާނޫނަށް ގެންނަން ޕީސީބީން ނިންމި އިސްލާހު ވެސް ވަނީ އެ ބޯޑުގެ ރަސްމީ އެކައުންޓްގައި އާންމުކޮށްފައެވެ.

މިހާރު އަމަލުކުރާ އުސޫލުގައިވާ ގޮތުން، ޗެއާޕާސަން ކަމަށް އައްޔަން ކުރާއިރު ބަލަނީ ތަފާތު ވިސްނުންތަކާއި ތަޖުރިބާ އާއި ގާބިލިއްޔަތުކަން ހުރި ޑިރެކްޓަރުންގެ ބޯޑެއް ހިންގުމުގެ ގާބިލިއްޔަތުކަން ހުރުމާއެކު ކުންފުނީގެ ކަންތައްތައް ރާވައި ބައްޓަންކުރުމުގައި ހިއްސާކުރެވޭނެ މީހަކު ކަމަށް ވުމާއި، ޕީސީބީގެ އިންޓަވިއުއިން މަދުވެގެން 60 ޕަސެންޓު ލިބުމެވެ.

އެކަމަކު މިއީ އިހްތިޔާރީ ޝަރުތެއްގެ ގޮތުގައި ހިމަނައި، ޕީސީބީން ވަނީ، ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރެވޭ މީހަކީ މާސްޓާސްއަށް ކިޔަވައިގެން ހުރި މީހެއް ކަމަށް ވެފައި، ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާއެއް ލިބިފައިވާ މީހެއް ކަމުގައިވުން، ނުވަތަ ވިޔަފާރި ހިންގައި ބެލެހެއްޓުމުގެ ދާއިރާއިން ނުވަތަ ހިންގުމުގެ އެންމެ މަތީ ލެވެލްގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުން ޝަރުތުތަކެއްގެ ގޮތުގައި ހިމަނައިފައެވެ.

މި އިސްލާހުގައި ބޮޑަށް އިސްކަންދީފައި ވަނީ މާސްޓާސްއަށް ކިޔަވައިގެން ތިބި މީހުންނަށެވެ.

ޕީސީބީން ބުނީ، ޗެއާމަނުން އައްޔަންކުރާ އުސޫލު އިސްލާހުކުރަން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

ޕީސީބީން މިގޮތަށް ނިންމާފައިވާއިރު މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން ގިނަ ފަހަރަށް ކުންފުނިތަކަށް އައްޔަން ކުރަނީ ސިޔާސީ އެކްޓްވިސްޓުންނެވެ. އޭގެ ތެރޭގައި ވިޔަފާރީގެ އިލްމާއި ތަޖުރިބާ ނެތް މީހުން ވެސް ހިމެނެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ކުންފުނިތަކުގެ ހިންގުން ދަށްވެ, ކޮރަޕްޝަން އިންތިހާއަށް މަތިވުމެވެ.

comment ކޮމެންޓް