މޮޅު ދަރިވަރުން ދަށް ޔުނިވާސިޓީތަކުގައި ކިޔަވާތީ، މޮޅު ޔުނިވާސިޓީތަކުން ޖާގަ ހޯދަން އެހީވަނީ

ޓޮޕް އެޗީވާސް އެވޯޑް ހަފުލާއެއްގެ ތެރެއިން: މޮޅު ދަރިވަރުން ދަށް ޔުނިވާސިޓީތަކުގައި ކިޔަވާތީ، މޮޅު ޔުނިވާސިޓާކުން ޖާގަ ހޯދަން އައިޖީއެސްއިން ވަނީ އެހީވާން ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން އެ ކުދިންނާ ނުގުޅޭ ފެންވަރު ދަށް ޔުނިވާސިޓީތަކުން ކިޔަވާތީ އެފަދަ ކުދިންނަށް މަތީ ފަންތީގެ ޔުނިވާސިޓީތަކުން ޖާގަ ހޯދަން އެހީވުމުގެ ގޮތުން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް)އިން ޚިދުމަތެއް ފަށަން ނިންމައިފިއެވެ.

ދަރިވަރުން ބާރުވެރިކޮށް، ކާމިޔާބު މުސްތަގުބަލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އައިޖީއެސްއިން ބުނީ، ޖާގަ ހޯދަން އެންމެ އުނދަގޫ ޔުނިވާސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ޖާގަ ހޯދައި ދިނުމަށް އައިޖީއެސްއިން ތައާރަފުކުރަނީ އެލީޓް ޔުނިވާސިޓީ އެޑްމިޝަން ސާވިސް ކިޔާ ޚިދުމަތެއް ކަމަށެވެ.

އެއީ ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން އެ ކުދިންނާ ނުގުޅޭ ފެންވަރު ދަށް ޔުނިވާސިޓީތަކުން ކިޔަވާތީ އެ ކުދިންނަށް އެހީވުމުގެ ގޮތުން ތައާރަފުކުރާ ޚިދުމަތެއްކަން އައިޖީއެސްއިން ފާހަގަކުރިއެވެ.

އަންނަ ހޯމަ ދުވަހު އެ ޚިދުމަތް ތައާރަފުކުރާއިރު ފުރަތަމަ އިސްކަންދޭނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ ތެރެއިން ޖާގަ ހޯދަން އެންމެ އުނދަގޫ ޔުނިވާސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ޖާގަ ހޯދައި ދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެގޮތުން ޔުނިވާސިޓީ އޮފް އޮކްސްފޯޑް، ޔުނިވާސިޓީ އޮފް ކެމްބްރިޖް، އިމްޕީރިއަލް ކޮލެޖް، ޔުނިވާސިޓީ ކޮލެޖް ލަންޑަން، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައެންސްގެ އިތުރުން ރަސެލް ގުރޫޕުގެ އެހެން ޔުނިވާސިޓީތަކުން ޖާގަ ހޯދަން އެހީވާނެ ކަމަށް އައިޖީއެސްއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޓިއުޓާސްއާ ގުޅިގެން ތައާރަފުކުރާ ޚިދުމަތެއް ކަމަށާއި އޮކްސްފޯޑް ޓިއުޓާސްއަކީ ޖާގަ ހޯދަން އެންމެ އުނދަގޫ ޔުނިވާސިޓީތަކުން ޖާގަ ހޯދުމަށް ދަރިވަރުން ތަމްރީނުކުރުމުގައި އެންމެ ކާމިޔާބު އެއް ފަރާތް ކަމަށެވެ.

"މިދިޔަ އަހަރު އެ ތަނުން ތަމްރީނުކުރި ދަރިވަރުންގެ ތެރެއިން 63 ޕަސެންޓް ދަރިވަރުންނަށް އޮކްސްފޯޑް ނުވަތަ ކެމްބްރިޖް ޔުނިވާސިޓީން ކިޔެވުމުގެ ފުރުސަތު ލިބުނެވެ." އައިޖީއެސްއިން ބުންޏެވެ.

އެ ޖަމިއްޔާގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މިއީ ހޭލުންތެރިކަން އިތުރުކޮށް ދަރިވަރުންނަށް ހައްގު ތައުލީމަށް ހިތްވަރުދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ ހައި އެޗީވާސް ދަށްވެގެން ގަދަ ސަތޭކައިގެ ޔުނިވާސިޓީއަކުން ކިޔަވާ ދުވަސް. އަދި ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުން ގަދަ ފަންސާހުގެ ޔުނިވާސިޓީއަކުން ކިޔެވުން. މިއީ ރައީސްގެ ސްކޮލާޝިޕްގެ ޝަރަފު ހިފެހެއްޓުމަށްޓަކައި ވެސް ބޭނުންތެރިކަމެއް،" ރިފްއަތު ވިދާޅުވިއެވެ.

އެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަކޮށް އޮކްސްފޯޑް ޓިއުޓާސްއިން ވެބިނާއެއް ބާއްވާނެއެވެ. އަންނަ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 8:00 ޖަހާއިރު ބާއްވާ މި ވެބިނާގައި ބައިވެރިވުމަށް އައިޖީއެސްގެ ވެބްސައިޓް، ފޭސްބުކް އަދި އޮކްސްފޯޑް ޓިއުޓާސް ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެއެވެ.

https://sun.mv/208230

އައިޖީއެސްއިން ދިރާސާއެއް ހަދައި ވަނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ކޭމްބްރިޖް ޔުނިވާސިޓީގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރައީސްގެ ސްކޮލާޝިޕްގައި ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާއާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކާއި ޔުނިވާސިޓީތަކުގެ ރޭންކިންތަކަށާއި މޮޅެތި ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ބަލައިފައިވާނެ ކަމަށެވެ.

އައިޖީއެސްގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި، ރައީސްގެ ސްކޮލާޝިޕް ލިބިގެން 2023 ވަނަ އަހަރު ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ދުނިޔޭގެ ގަދަ 10 ޔުނިވާސިޓީތަކުގެ ތެރެއިން ޔުނިވާސިޓީއެއްގައި ކިޔަވަނީ ޕައިލެޓްކަމުގެ ތަމްރީނު ހަދަމުންދާ ދަރިވަރަކު އެކަންޏެވެ. އަދި ޔުނިވާސިޓީތަކުގެ ރޭންކިންގައި ގަދަ 10 އަކާއި ގަދަ 30 އާ ދެމެދުގެ ޔުނިވާސިޓީތަކުން ހަތަރު ދަރިވަރަކު ކިޔަވަމުންދާ ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.

comment ކޮމެންޓް