މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މޫސުން ގޯސްވެ މިއަދުގެ ހަވީރާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
'ސަން' އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވިއްސާރަކޮށް، ގުގުރައި، މޫސުން ގޯސްވާނެ ކަމަށެވެ. ކަނޑުތައް ގަދަވެ، ވައި ވެސް ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. ވަކިން ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މެޓުން ލަފާކުރި ގޮތުގައި ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި، އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވެސް ވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފައެވެ. އެގޮތުން، މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެފައިވާތީ މޫސުން ގޯސްވެފައިވާ ކަމަށް އެމްއެންޑީއެފުން މެޓާ ހަވާލާދީ ބުނެފައިވެއެވެ.
އެހެންކަމުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ މީހުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތައް --
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ލ. ކައްދުއަށެވެ. އެެގޮތުން، އެ ރަށަށް ވަނީ 79.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ނ. މާފަރަށެވެ. އެ ރަށަށް 71.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި، 66.5 މިލިމީޓަރުގެ ވާރެއާއެކު ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ހދ. ކުޅުދުއްފުއްޓަށެވެ.
މޫސުން ގޯސްވެ، ކަނޑުމަތީގައާއި އެއްގަމުގައި ވެސް މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ފެން ބޮޑުވެ ގޭބީސީތަކަށް ގެއްލުންވުމާއި، ކަނޑުމަތީގައި މީހުން ގެއްލި، ދޯނިފަހަރުތަކަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ. އެހެންކަމުން މޫސުމަށް ސަމާލުވުން މުހިންމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ވ. އަތޮޅު ކައިރިން އޯޝަން އެކްސްރްޕްރެސް ބޯޓު ވަރަށް ބޮޑަށް ދިޔަވެ ރޭ ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. ނަމަވެސް އޭގައި ދަތުރުކުރި 12 މީހުން ސަލާމަތުން ރޭ ވަނީ މާލެ ގެނެސްފައެވެ.