ފެނަކައިން, ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާކުރީ، ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން، ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.
ސައީދުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ މޭ މަހުގެ 20ވަނަ ދުވަހު ކަމަށެވެ.
އެގޮތުން މި ދައުވާ ކުރަން ނިންމީ، ސައީދު، 30 އެޕްރީލް 2023ގައި ފެނަކައާއި ފިޝަރީސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން ލ. މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، މާމެންދޫގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި އާދަޔާ ޙިލާފު ބޮޑު އަގެއްކަމަށްވާ ޖުމްލަ 11,251,946.00 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް ރުފިޔާ) އަށް އެ އައިސްޕްލާންޓް ގަތުމަށް ނިންމުމުންނެވެ.
އަދި އެ ކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝިއަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫންކަން ބަޔާންކޮށްފައިވަނިކޮށް ކަމަށް ޕީޖީން ބުނެއެވެ.
އަދި ފެނަކައިގެ ބޯޑު އޮފް ޑިރެކްޓަރުންގެ 18 ވަނަ އާންމު ބައްދަލުވުމުގައި 07 ސެޕްޓެންބަރު 2023 ދުވަހު ސައީދު ބައިވެރިވެ މަޝްވަރާކޮށް އެ އައިސްޕްލާންޓް ގަތުމަށް ނިންމިއިރު، ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ، އެވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓްއާ ދެމެދު ހަމަ އެ ދުވަހު މާމެންދޫ އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.
އެއާއެކު ޖުމްލަ 11,251,946.00 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް ރުފިޔާ) ފެނަކައިން ކައިޒާން އިންވެސްޓްމަންޓަށް ދެއްކުމަށް މަގުފަހިކޮށްދީ، ފައިސާ ކައިޒާން އިންވެސްޓްމަންޓަށް ދައްކަންޖެހޭ ގޮތަށް އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީއެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބުގެ ގޮތުގައި 1 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމެއް އަންނާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދައުރުގައި ފެނަކަ ހިންގި ސައީދުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަތަކެއް ބަލައި، އިތުރު ދައުވާތަކެއް ކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ ކުރީގެ އެހެން އިސް މުވައްޒަފުންތަކަކަށް ވެސް މި ސަރުކާރުގައި ދައުވާކޮށްފައިވެއެވެ.