ހަ މަސް ފަހުން, މި އަހަރު ދެވަނަ ފަހަރަށް ގުޑުގުޑާ ދޫނި (ފްލެމިންގޯ) އައިނެއް ށ. ފުނަދޫ ދަށްފަޅަށް އައިސް އެތަނުގެ ފަޅު ފިލުވައިލަދީފިއެވެ.
ފުނަދުއަށް މި އަހަރު އެންމެ ފުރަތަމަ ގުޑުގުޑާ ދޫނި އައިނެއް އައީ އަހަރުގެ އެންމެ ކުރީކޮޅު ޖެނުއަރީ މަހުއެވެ. އޭގެ ފަހުން ގުޑުގުޑާ ދޫނިތައް އައިސްފައި މި ވަނީ މި މަހުއެވެ.

މިއަދު ށ. ފުނަދޫގެ ދަށްފަޅުން ފެނުނު ބައެއް ގުޑުގުޑާ ދޫނި: އާންމުގޮތެއްގައި ގުޑުގުޑާ ދޫނި ރާއްޖެ އަންނަނީ އިރުވައި މޫސުމުގައި. މިއީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ބާވަތުގެ ދޫންޏެއް --- ފޮޓޯ: ތަންނި ފޮޓޯގްރަފީ/ ފޭސްބުކް
މި ގުޑުގުޑާ ދޫނިތައް ފުނަދޫ ދަށްފަޅުގައި އުޅޭ މަންޒަރު ފެންނަ ހިތްގައިމު ފޮޓޯތަކެއް މުހައްމަދު ތަސްނީމް (ތަންނި)ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ.
ގުޑުގުޑާ ދޫނީގެ ފޮޓޯތައް ނެގި ތަންނި "ސަން"އަށް ބުނީ، ބެލެވޭގޮތުގައި ފުނަދުއަށް ގުޑުގުޑާ ދޫނި އައިސްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އިރުއެރި ވަގުތު ވެސް ގުޑުގުޑާ ދޫނިތައް ތިބި ކަމަށް އޭނާ ބުންޏެވެ.
ތަންނި ބުނީ، މި ފަހަރު ވެސް ފުނަދުއަށް އައީ އާންމުކޮށް އެ ރަށަށް އަންނަ ފަސް ގުޑުގުޑާ ދޫނި ކަމަށާއި، އެ ފަސް ދޫނި ފުނަދުއަށް އަންނަތާ ދެ އަހަރު ވެއްޖެ ކަމަށެވެ.
މިއީ މޫސުމީ ދޫނިތަކެއް ކަމުން މި ދޫނިތައް ޖެނުއަރީ މަހު އުޅުމަށް ފަހު، މި ދުވަސްކޮޅު އައީކަމަށް އޭނާ ބުންޏެވެ. އަނެއްކާ، ދެ މަސް ފަހުން ވެސް މި ދޫނިތައް އަތުވެދާނެކަމަށް އޭނާ ބުންޏެވެ.
މަސްވެރިންނާ ހަވާލާދީ ތަންނި ބުނީ، އެ ސަރަހައްދަށް އަންނަ ގުޑުގުޑާ ދޫނިތައް އާންމުގޮތެއްގައި ތިބެނީ ފުނަދޫގެ އުތުރުގައި އޮންނަ ފަރުކޮޅު ނަމަކަށް ކިޔާ ފަޅުރަށެއްގެ ކުޅިއެއްގައި ކަމަށެވެ.
"ތިބެފަ އެކި ދުވަސް މަތިން އެހެން ހިޖުރަކުރަނީ، އަނެއްހެން މި ހިސާބުގަނޑުގަ އުޅެނީ އަބަދުވެސް، ދެން މި ރަށުން ހދ. ކުޅުދުށްފުށިން އެގޮތަށް، ހަމަ އެއް އައިނެއް އެ އުޅެނީ،" ތަންނި ކިޔައިދިނެވެ.
އޭނާ ބުނީ، 2021ވަނަ އަހަރު ގުޑުގުޑާ ދޫނިތައް ފުރަތަމަ ފުނަދުއަށް ހިޖުރަކޮށް، ގާތްގަނޑަކަށް ތިން މަސް ވަންދެން ތިބި ކަމަށާއި، ނަމަވެސް މިފަހުން އެހާ ގިނަ ދުވަސް ވަންދެން އެއް ރަށެއްގައި ދޫނިތައް ނުތިބޭ ކަމަށެވެ.
ފުނަދުއަށް ގުޑުގުޑާދޫނި ހިޖުރަކުރުމާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު "ސަން"އަށް ވިދާޅުވީ، ގުޑުގުޑާ ދޫނިތައް ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި، މެންދުރުފަހު ވެސް ފުނަދޫގެ ދަށްފަޅުން އެ ދޫނިތައް ފެނިފައިވާ ކަމަށެވެ.

މިއަދު ށ. ފުނަދޫގެ ދަށްފަޅުން ފެނުނު ބައެއް ގުޑުގުޑާ ދޫނި: އާންމުގޮތެއްގައި ގުޑުގުޑާ ދޫނި ރާއްޖެ އަންނަނީ އިރުވައި މޫސުމުގައި. މިއީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ބާވަތުގެ ދޫންޏެއް --- ފޮޓޯ: ތަންނި ފޮޓޯގްރަފީ/ ފޭސްބުކް
"ދޫނިތައް މިހާރު ވާ ގޮތަކީ އާންމުކޮށް އަންނަ އެއްޗެއް ވީމަ އެއްވެސް މީހަކު ގޯނާކޮށް ނަހަދާ،" އޭނާ ވިދާޅުވިއެވެ.
އިރުވައި މޫސުމާއެކު 2021 ވަނަ އަހަރު ރާއްޖެ އައި ގުޑުގުޑާ ދޫނި އައިނެއް ރާއްޖޭގެ ސަމާލުކަން ހޯދިއެވެއެވެ. މި ދޫނިތައް ފެންކަމަށް އެންމެ މަޝްހޫރީ ކުޅުދުއްފުއްޓާއި ފުނަދޫންނެވެ. ފާހަގަކުރެވޭ ގޮތުގައި ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.
މޫސުމީގޮތުން ފެންނަ މިފަދަ ދޫނިތަކަށް ގޯނާ ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަބަދު ވެސް އިލްތިމާސް ކުރެއެވެ.