މާލޭގައި މިއަދު ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެއްޖައި ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަކީ، ތޭރަވާއާއި އަޝްފާގެ ދަރިފުޅު އަލްސަންއެވެ. ދިގު މުއްދަތަކަށް ކައިވެނިކޮށްގެން ތިބުމަށް ފަހު ވަކިވި އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅަކީ ވެސް އަލްސަންއެވެ.
ފުލުހުން ބުނީ 17 އަހަރުގެ ކުއްޖާގެ އިތުރުން އަނިޔާވެފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި 40 އަހަރުގެ ފިރިހެނެކަށް ކަމަށެވެ. އޭގެ ތެރެއިން ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖާއާއި 17 އަހަރުގެ ކުއްޖާއެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލު ވެއްޓެއެވެ. އެއް ކުއްޖަކު ޕިކަޕު ދަށުވިއިރު، ދެ ވަނަ ކުއްޖާ ޕިކަޕުގެ އެއް ފަރާތަަށް ވިއްސައިގެން ދިޔައީއެވެ.
މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.