ފޭކް ސްލިޕް ފޮނުވައިގެން އެތައް ލައްކައެއްގެ ވިޔަފާރިކުރި ދެމަފިރިން ދޫކޮށްލައިފި

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން: އެ މީހުން ވަނީ ދޫކޮށްލާފައި -- ފޮޓޯ/ ފުލުހުން

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެތައް ލައްކައަކުން ވިޔަފާރިކުރުމުގެ ތުހުމަތުވާ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ)އާއި އޭނާގެ ބައިވެރިޔާ އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އަނެއްކާ ވެސް ދޫކޮށްލައިފިއެވެ.

މި ދެ މީހުންނަކީ ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުމުގެ އެތައް ތުހުމަތެއްކުރެވޭ ދެ މީހުންނެވެ. އެއީ، ދެމަފިރިންނެވެ.

ފުލުހުން މިއަދު ބުނީ، މި ދެ މީހުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން ފިހާރަތަކުން ވިޔަފާރިކުރި މައްސަލައިގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ވެރިފަރާތަށް ހޯދައިދީފައިވާ ކަމަށެވެ. އެއީ، މި ސައްހަ ނޫން ސްލިޕް ފޮނުވައިގެން ފިހާރަތަކުން ނެގި މުދަލަށްވާ ފައިސާ ކަމަށް ފުލުހުން ބުންޏެވެ.

މިއީ މޭ މަހުގެ އެކި ދުވަސްމަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކަށް ފޭކް ސްލިޕް ފޮނުވައިގެން މުދާ ގަނެފައިވާ ކަމަށް ބުނެ އެ މަހު 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

https://sun.mv/207600

އެ ތަހުގީގުގެ ތެރެއިން މާލެއާއި ހުޅުމާލޭގެ އެކި ފިހާރަތަކުން ސައްހަ ނޫން ސްލިޕް ފޮނުވައގެން މަކަރާއި ހީލަތުން މުދާ ހޯދިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، މި މައްސަލައިގައި ހިމެނޭ ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފުލެޓުގެ އެޕާޓްމަންޓަށް ވެސް ފޭކް ސްލިޕް ފޮނުވައިގެން މުދާ ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ތަހުގީގަށް އެ މުދާތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ޒައިދާނާއި އޭނާގެ ބަންގްލަދޭޝް ބައިވެރިޔާ ހައްޔަރުކުރީ މިދިޔަ މަހު 17 ގައެވެ. އެ ފަހަރު ޒައިދާން 15 ދުވަހަށް އަދި އަފްރިން ފަސް ދުވަހަށް ބަންދުކުރިއެވެ. އެކަމަކު، ފުލުހުން ބުނީ، ދެ މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހުން ދޫކޮށްލި ސީދާ ސަބަބެއް ފުލުހުން ނުބުނެއެވެ. މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް