އެނބުރި ފިލްމީ ދާއިރާއަށް ނުކުތުމުގެ ވިސްނުމެއް ކުރީގެ އެކްޓަރު ޖީތޭ ނެތް

ކުރީގެ މަޝްހޫރު އެކްޓަރު ޖީތަންދުރަ އަދި ދަރިފުޅު ތުޝާރު--ފޮޓޯ/ފިލްމުފެއަ

ނަވާރަސަތޭކެ ފަސްދޮޅަހުގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ވިދާލި އެކްޓަރު ޖީތެންދުރަ ދެން ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށް އެކްޓަރުގެ ދަރިފުޅު ތުޝާރު ކަޕޫރު ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އިންޑިއާ (PTI)އަށް ދިން އިންޓަވިއުއެއްގައި ތުޝާރު ބުނީ، މިހާރުގެ ސިނަމާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްޕަ ޖީތޭ ބަލާ ކަމަށެވެ. ނަމަވެސް އެނބުރި ފިލްމީ ސެޓަށް ދިއުމުގެ ވިސްނުމެއް ބައްޕަ ނުގެންގުޅޭ ކަމަށް އެކްޓަރު ތުޝާރު ވަނީ ބުނެފައެވެ.

މި ނޫހަށް މައުލޫމާތު ދެމުން ތުޝާރު ބުނެފައި ވަނީ އުމުރުން އެންމެ 20 އަހަރުގައި ބައްޕަ ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު މިހާތަނަށް 200އަށް ވުރެ ގިނަ ފިލްމުތަކުގައި ވަނީ މަސައްކަތްކޮށްފައެވެ.

ޖީތެންދުރަ ދެ ކުދިން ކަމަށްވާ އެކްތާ ކަޕޫރު އަދި ތުޝާރު ކަޕޫރާ އެކު--ފޮޓޯ/ފިލްމުފެއަ

އެހެންކަމުން މިހާރު ފިލްމީ ދާއިރާގައި ބޭނުންވާ މިންވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށް ބައްޕައަށް ގަބޫލުކުރެވޭ ކަމަށާއި މިހާރު ފެންނަ ކެރެކްޓަ ރޯލްތަށް ކުޅުމަކީ އެއްވެސް އިރަކު ޖީތޭ ޝައުގުވެރިވި ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށްވުރެ ބޮޑަށް ޖީތޭގެ ޝައުގުވެރިކަން މިހާރު ހުރީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ކަމަށާއި ނަމަވެސް ބައްޕަ ފިލްމީ ދާއިރާއަށް ކޮށްދީފައިވާ މަސައްކަތްތައް ޑޮކިއުމެންޓްރީއެއްގެ ސިފައިގައި ނަމަވެސް ކުރިމަގުގައި ފެންނާނެކަމަށް އުއްމީދުކުރާ ކަމުގައި ތުޝާރު ވަނީ ބުނެފައެވެ.

ބައްޕަ ޖީތޭގެ އިތުރުން ކުރީގެ ލެޖެންޑު އެކްޓަރު ދަރުމެންދްރަ ހިންދީ ސިނަމާއަށްކޮށްދިން މަސައްކަތްތައް ވެސް ޑޮކިމެންޓްރީއެއްގެ ގޮތުގައި ފެންނާނެ ކަމަށް އުއްމީދުކުރެވޭ ކަމުގައި ތުޝާރު ވަނީ ބުނެފައެވެ.

ފިލްމު "ގުނާހޯކާ ދޭވްތާ"، "ފަރުޒް"، "ދަރަމްވީރު" އަދި "ހިންމަތުވާލާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޖީތެންދުރަ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2021 ވަނަ އަހަރު ގެނެސްދިން ވެބް ސީރީސް "އަޕަހާރަން ސީޒަން 2"އިންނެވެ.

comment ކޮމެންޓް