ފިލްމު "ފެޝަން"ގެ ޑައިރެކްޓަރު މަދޫރު ބަންޑާކަރު އަލަށް އުފައްދާ ފިލްމު "ދަ ވައިވްސް"ގެ ޝޫޓިންގް މުމްބާއީގައި ފަށާފައިވާކަން އޭނާ އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ، ހާއްސަކޮށް ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންގެ އަންހެނުންގެ އިތުރުން ކައިވެންޏަށްފަހު ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަނބިންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ތަރިންގެތެރޭ މަދޫރުގެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ފެޝަން"އިން ފެނުނު އެކްޓަރު އަރުޖަން ބާޖްވާ ހިމެނޭއިރު ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ، ސޮނާލީ ކުލްކަރުނީ، މޯނީ ރޯއި، ރެޖީނާ ކެސެންޑްރާ، ރާހުލް ބަޓް، ސޯރަބް ސަޗްދެވާ އަދި ފްރެޑީ ދަރުވަލާ ހިމެނެއެވެ.

މަދޫރު އަދި ފިލްމު "ފެޝަން"ގެ މުހިއްމު ރޯލަކުން ފެނުނު އެކްޓަރު އަރުޖަން ބާޖްވާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމު ގެނެސްދޭނީ މަދޫރުގެ އަމިއްލަ ފިލްމު ކުންފުނި ބަންޑާރުކަރު އެންޓަޓެއިންމަންޓާއި ޕީޖޭ މޯޝަން ޕިކްޗަސް ގުޅިގެންނެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ 2022 ވަނަ އަހަރު ގެނެސްދިން ފިލްމު "އިންޑިއާ ލޮކްޑައުން"ގެ ޕްރޮޑިއުސްކުރި ޕްރަނާވް ޖެއިންއެވެ. އެ ފިލްމުގައި ޕްރަނާވްއާ އެކު މަދޫރު ވަނީ މަސައްކަތްކޮށްފައެވެ.
ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ މަދޫރު ފާހަގަކޮށްލެވެނީ ފިލްމު އިންޑަސްޓްރީގެ އިތުރުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަގީގަތްތައް ކެމެރާގެ ކުރިމައްޗަށް ގެނެސްދިނުމުގައި އެއްވެސް ޖެހިލުމެއްނެތި މަސައްކަތްކުރާ ޑައިރެކްޓަރެއްގެ ގޮތުގައެވެ.
މަދޫރު ކުރިން ގެނެސްދިން އެފަދަ ފިލްމުތަކުގެތެރޭ "ޕޭޖް 3" އަދި "ހިރޮއިން" ހިމެނެއެވެ. ފިލްމު "ހިރޮއިން" އަކީ ބަތަލާ ކަރީނާ ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
މަދޫރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމު "ދަ ވައިވްސް"ގެ ޝޫޓިންގް ފެށިކަން އިއުލާނުކުރި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.