އައްލޫއާ އެކު ރަޝްމިކާ ދެން ފެންނާނީ ވިލެންގެ ރޯލްއިން

އައްލޫ އަރުޖުން އަދި ބަތަލާ ރަޝްމިކާ މަންދަނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޕުޝްޕާ"ގެ ދެ ފިލްމުން ވެސް އެކްޓަރު އައްލޫ އަރުޖުންގެ ބަތަލާގެ ގޮތުގައި ފެނުނު ރަޝްމިކާ މަންދަނާ ދެން ފެންނާނީ އެކްޓަރާ އެކު ވިލެންގެ ރޯލްއިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ދެ ތަރިންގެ ޖޯޑަށް ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު ނަމަވެސް އައްލޫ އަރުޖުން ސޮއިކޮށްފައިވާ ޑައިރެކްޓަރު އެޓުލީގެ ފިލްމުގައި ރަޝްމިކާ އާއި އައްލޫގެ ވަރުގަދަ ކުރިމަތިލުމެއް ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އޭ 6"ގެ ނަން ދީފައިވާ އެޓުލީގެ މި ފިލްމުން ވިލެންގެ ރޯލްއިން އިތުރު ތަރިންތަކެއް ފެންނާނެއިރު ރަޝްމިކާ ފިލްމުގައި ފެންނާނީ ވެސް ލީޑް ވިލެންގެ ގޮތުގައި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ސައުތު ސިނަމާގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށްފަހު ބޮލީވުޑަށް ތައާރަފްވެފައިވާ ބަތަލާ ވަނީ ފިލްމު "އޭ 6"ގެ ސްކްރީން ޓެސްޓުތައް ވެސް ފުރިހަމަކޮށްފައެވެ.

ރަޝްމިކާ އާއި އައްލޫ އަރުޖުން ފިލްމު "ޕުޝްޕާ"ގެ މަންޒަރެއްގައި--ފޮޓޯ/ޖީކިއުއިންޑިއާ

ރިޕޯޓުތައް ބުނާގޮތުން ރަޝްމިކާ މި ފިލްމުގެ ޝޫޓިންގް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހެވެ. ބަތަލާ ދީޕިކާ ޕަދުކޯން މުހިއްމު ރޯލަކުން ފެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގައި އައްލޫ އަރުޖުން ހަތަރު ކެރެކްޓާއަކުން ފެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އެއީ ބައްޕައެއްގެ ރޯލް، ކާފައެއްގެ ރޯލް އަދި އެއްމާބަނޑު ދެބެއިންގެ ރޯލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތަރިންގެ އިތުރުން އެޓުލީގެ މި އެކްޝަން ތުރިލާއިން ފެންނާނެ އިތުރު ބަތަލާއިންގެތެރޭ ޖާންވީ ކަޕޫރު އަދި މުރްނާލް ތާކުރު ހިމެނެއެވެ. ވަރަށް ބޮޑު ހޭދައެއްކޮށްގެން އުފައްދާ މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ 2027ގައެވެ.

ބަތަލާ ރަޝްމިކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ކްރައިމް ޑްރާމާ ފިލްމު "ކުބޭރާ"އިންނެވެ. ރަޝްމިކާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ދަ ގާލްފްރެންޑް" އަދި "ތަމާ" ހިމެނޭއިރު ފިލްމު "ތަމާ" އަކީ ބޮލީވުޑް ފިލްމެކެވެ. މި ދެ ފިލްމު ވެސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް