ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އިމާރާތްކޮށްފައިވާ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އެރުވުމުގެ މަސައްކަތް ކުރާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނީ، މި ނިންމުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށެވެ. ކުރީގެ ރައީސުންގެ އިތުރުން، އެމްއޭސީއެލްއަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންނާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންނަށް ވެސް މި ރަސްމިއްޔާތަށް ދައުވަތު އަރުވާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހާ ގުޅުވައި މިމަހުގެ 26ވަނަ ދުވަހުއެވެ.
ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ.
އެއަށްފަހު މި ސަރުކާރުން ވެރިކަމަ ހަވާލުވުމަށް ފަހު އެ މަޝްރޫއަށް އިތުރު ފައިސާ ވަނީ ހަމަޖައްސައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި މި ސަރުކާރުގެ ދައުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ޓާމިނަލް ނިންމުމުގެ ކްރެޑިޓާ ބެހޭގޮތުން ވަނީ ބަހުސެއް އުފެދިފައެވެ.
މި ވާހަކަތަކާ ގުޅުވައި މިއަދު ރައީސް ވިދާޅުވީ، އާ ޓާމިނަލްގެ މަސައްކަތް ކުރެއްވި ކުރީގެ ހުރިހާ ވެރިންނަށް ޓާމިނަލްގެ ކްރެޑިޓް ލިބޭނެކަމަށެވެ.
ކުރީގެ ހުރިހާ ރައީސުންނަށް މި ހަފުލާއަށް ދައުވަތު އަރުވާއިރު، ކުރީގެ ރައީސް މުހައްމަދު ވަހީދަކީ ރައީސް މުއިއްޒުގެ ޚާއްސަ މަންދޫބެކެވެ.
ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.