ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އިމާރާތްކޮށްފައިވާ އާ ޓާމިނަލާއެކު، އެއާޕޯޓު 'ވަރަށް ރީތި' ވާނީ ގައުމު މިހާރު އޮތް 'ދަރަނީގެ ދަންތުރައިން' ސަލާމަތްކުރެވޭނެނަމަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެފަދައިން ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި މި ސަރުކާރުގެ ދައުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ޓާމިނަލް ނިންމުމުގެ ކްރެޑިޓާ ބެހޭގޮތުން ބަހުސެއް އުފެދިފައިވާ މި ދަނޑިވަޅުގައެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކޮންކްރީޓާއި، ބިއްލޫރި އަދި ޕްލާސްޓިކްގެ އަވައިގައި ޖެހި، އެއީ ތަރައްގީކަމަށް ދެކޭ ކަމަށްވާނަމަ އެއީ ހަނި ވިސްނުމެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ވެސް ރީތިވާނީ، 'ވަޅި ރީތީ ތޫނު ކަމަށް ބުނާ މިސާލުގައި' ކަމަށް ނަޝީދު ވިދާޅުވިއެވެ.
އާ ޓާމިނަލާއެކު ފަތުރުވެރިން އަންނަވަރު އިތުރުވެ، އިގްތިޞާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަރަށް ރީތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާ ޓާމިނަލްގެ ކްރެޑިޓް މި ސަރުކާރުން ނަގަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ކުރެއްވި ކުރީގެ ހުރިހާ ވެރިންނަށް ޓާމިނަލްގެ ކްރެޑިޓް ލިބޭނެކަމަށެވެ. އަދި އާ ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަންގަވަން އުޅުއްވުމަކީ "ކުޑަކުދިން އުޅޭ ގޮތެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެފަހުން އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އެރުވުމުގެ މަސައްކަތް ކުރާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލް -- ފޮޓޯ/ ވީއައިއޭ
ކުލަގަދަ ރަސްމިއްޔާތަކާ އެކު، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހާ ގުޅުވައި މި މަހުގެ 26ވަނަ ދުވަހެވެ.
ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ.
އެއަށްފަހު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެ މަޝްރޫއަށް އިތުރު ފައިސާ ވަނީ ހަމަޖައްސައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.