ބްލޮކްބަސްޓާ ހިޓު "އޮޕެންހައިމާ"އަށް ފަހު މަޝްހޫރު ފިލްމު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ނެރެން ތައްޔާރުވާ ފިލްމު ރިލީޒްކުރުމުގެ ސީދާ އަހަރެއް ކުރީން ޓިކެޓު ދޫކުރަން ނިންމައިފިއެވެ.
ނޯލަންގެ ފިލްމު އޮޕެންހައިމާއަކީ މިދިޔަ މެދުތެރޭގައި ސިނަމާއަށް ނެރުނު ފިލެމެކެވެ. މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ ފިލްމެކެވެ. އެ ކާމިޔާބީއަށް ފަހު މިހާރު އޭނާ މަސައްކަތްކުރަމުން އަންނަނީ މިތިކަލް އެކްޝަން ފިލްމެއް ނެރުމަށެވެ.
"ދަ އޮޑެސީ" ނަމަށް ކިޔާ ފިލްމަކީ އެ ނަމުގައި ނެރެފައިވާ ވާހަކަ ސީރީޒްގެ ފޮތަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. އެގޮތުން، މި ފިލްމަކީ ގްރީކް މިތޯލޮޖީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށް ބައެއް މައުލޫމާތުތަކުން ހާމަވެއެވެ.
ނޯލަން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު ރިލީޒްކުރުމުގެ އަހަރެއް ކުރީން ފިލްމުގެ ޓިކެޓުތައް ދޫކުރަން ފަށާނެއެވެ. މިއީ ސިނަމާގެ ތާރީޚުގައި ވެސް ވަރަށް ނުކުރާ ކަމެކެވެ. ފިލްމު ރިލީޒްކުރުމަށް ގިނަ ދުވަސްވެފައި އޮތްއިރު ފިލްމުގެ އެއްވެސް ޕްރޮމޯއެއް ވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ނަމަވެސް، ޕްރޮމޯއަކަށްވުރެ ކުރީން މިހާރު އެ ތައްޔާރުވަނީ ޓިކެޓު ދޫކުރާށެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހު 17ގައެވެ. އެއާއެކު ރިލީޒްކުރުމުގެ ސީދާ އަހަރެއް ކުރީން މާދަމާ ފިލްމުގެ ޓިކެޓު ދޫކުރަން ފަށާނެއެވެ. މިއީ ނޯލަންގެ އުފެއްދުންތަކަށް ސަޕޯޓުކުރާ މީހުން ބޭނުންކުރާނެ ފުރުސަތެކެވެ.
އައިމެކްސް ފޯމެޓަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ މި ފިލްމު ޝޫޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ޝޫޓިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އޮޑެސީގެ ލީޑް ރޯލުން ފެނިގެންދާނީ މެޓް ޑޭމަންއާއި އޭން ހެތަވޭގެ އިތުރުން ޒެންޑާޔާ އަދި ޓޮމް ހޮލެންޑެވެ.