ޓީވީ ޝޯތަކާއި ކުޑަ ސްކްރީން އުފެއްދުންތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އެމީ އެވޯޑްސްގެ ނޯމިނޭޝަންގެ ލިސްޓުގެ އެންމެ ކުރީގައި އެޕަލް ޓީވީގެ "ސެވަރެންސް" ހިމެނިއްޖެއެވެ.
އެޕަލްގެ ސްޓްރީމިން ސާވިސްއިން ގެނެސްދޭ ސައިންސް ފިކްޝަން ޝޯ ކަމަށްވާ ސެވަރެންސްގެ ދެވަނަ ސީޒަން ނިންމާލާފައިވަނީ ދާދިފަހުންނެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ މި ޝޯ އަކީ މިފަހަރު އެމީ އެވޯޑަށް އެންމެ ގިނަ ނޯމިނޭޝަން ލިބިފައިވާ ޝޯއެވެ. މި ޝޯއަށް 27 ނޯމިނޭޝަން ލިބިފައިވެއެވެ.
އޭގެ ތެރޭގައި އެންމެ ބޮޑު އެވޯޑު ކަމަށްވާ އެންމެ މޮޅު ޑްރާމާ ޝޯގެ އެވޯޑު ހިމެނެއެވެ. ސެވަރެންސްގެ އިތުރުން މި އެވޯޑަށް ވާދަކުރަނީ "އަންދޯރު"އާއި "ލާސްޓް އޮފް އަސް"އާއި "ދަ ޑިޕްލޮމެޓް"ގެ އިތުރުން "ޕެރަޑައިސް"އާއި "ވައިޓް ލޯޓަސް" އަދި "ސްލޯ ހޯސެސް"އެވެ.
ޝޯގެ ކާސްޓުން ވަނީ އެންމެ މޮޅު އެކްޓިން ރޯލުތަކަށް ވެސް ނޯމިނޭޓް ވެފައެވެ. އޭގެ ތެރޭގައި ލީޑް އެކްޓަރު އެޑަމް ސްކޮޓު ވަނީ އެންމެ މޮޅު ޑްރާމާ އެކްޓަރުގެ އެވޯޑަށް ނޯމިނޭޓްވެފައެވެ. އަދި، އެންމެ މޮޅު ޑްރާމާ އެކްޓްރެސްގެ ރޯލަށް ޝޯގެ ބްރިޓް ލައުވާ ވަނީ ނޯމިނޭޓްވެފައެވެ.
ސެވަރެންސްއަށް ފަހު މި އަހަރުގެ އެމީ އެވޯޑްސް ނޯމިނޭޝަންގެ އެންމެ ކުރީގައި އޮތީ އެޗްބީއޯގެ ލިމިޓެޑް ޝޯ "ޕެންގުއިން"އެވެ. މި ޝޯ ވަނީ ޖުމްލަ 24 އެވޯޑަކަށް ނޯމިނޭޓްވެފައެވެ.
މި އަހަރުގެ އެމީ ނޯމިނޭޝަން އިއުލާނުކޮށްފައިވާއިރު އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހެވެ.