ބިޔޯންސޭގެ ރިލީޒްނުކުރާ ލަވަތަކެއް ހުރި ހާޑެއް ވަގަށް ނަގައިފި

ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ބިޔޯންސޭ ރިލީޒްނުކޮށް ހުރި މިއުޒިކް ހިމެނޭ ހާޑް ޑްރައިވްއެއް ވަގަށް ނެގި މައްސަލަ ހޫނުވެއްޖެއެވެ.

ބިޔޯންސޭގެ އެންމެ ފަހުގެ ޓުއާ ކަމަށްވާ "ކައުބޯއި ކާޓާ"ގެ ޓުއާގެ ތެރެއިން މީހަކު ވަނީ އޭނާގެ ހާޑް ޑްރައިވްއެއް ވަގަށް ނަގާފައެވެ. މި މައްސަލަ މިހާރު އެޓްލެންޓާގެ ފުލުހުން ބަލަމުން އަންނައިރު ވައްކަން ހިނގާފައިވަނީ އެޓްލެންޓާގައެވެ.

އެޓްލެންޓާގައި ޝޯ ދެމުން ދިޔަ ވަގުތު މީހަކު ބިޔޯންސޭގެ ހާޑް ޑްރައިވްއެއް ވަގަށް ނެގީއެވެ. އެ ޑްރައިވް ވަގަށް ނަގާފައިވަނީ ބިޔޯންސޭގެ ކޮރިއޮގްރާފަރެއްގެ ކާރުގެ ތެރެއިންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހާޑް ޑްރައިވްގެ އިތުރުން ބައެއް އެހެން ތަކެތި ވެސް ވަގަށް ނަގާފައިވެއެވެ. އޭގެ ތެރޭގައި ބައެއް ހެދުންތައް ހިމެނެއެވެ. މިއީ ޓުއާ ކޮސްޓިއުމްތައް ކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ. އަދި، މީގެ އަގު 1،000 ޑޮލަރަށް އަރާ ކަމަށް ފުލުހުންނަށް ބިޔޯންސޭގެ ޓީމުން މައުލޫމާތު ދެއެވެ.

ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު މި މައްސަލައިގައި ޝައްކުކުރެވޭ މީހެއްގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި، އެ ހާޑް ޑްރައިވްގައި ހުރީ ބިޔޯންސޭގެ ރިލީޒްނުކުރާ ކިތައް ލަވަ ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ބިޔޯންސޭގެ ލަވަތައް ވަގަށް ނަގާފައިވަނީ އޭނާގެ އަލްބަމްގެ ތިންވަނަ ބައި ރިލީޒްކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. ނަމަވެސް، ވަގަށް ނަގާފައިވާ ހާޑުގައި ހިމެނެނީ އޭނާ ކުރިއަށް ރިލީޒްކުރަން އުޅޭ ލަވަތައް ކަމެއް ނުވަތަ ކުރީގެ އަލްބަމްތަކުގައި ބޭނުންނުކޮށް ހުރި ލަވަތައް ކަމެއް ނޭނގެއެވެ.

comment ކޮމެންޓް