އާމިރު ޚާން ދެން ކުޅޭ ފިލްމެއްގައި އަމިއްލަ އަޑުން ދެ ލަވަ ގެނެސްދޭނެ ކަމަށް ބުނެފި

ބޮލީވުޑް އެކްޓަރު އާމިރު ޚާން އަލަށް ކުޅޭ ހެއްވާ މަޖާ ފިލްމުން އެކްޓަރުގެ އަމިއްލަ އަޑުން ކިޔާފައިވާ ދެ ލަވަ ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުނެފިއެވެ.

މީގެކުރިން އާމިރުގެ އަޑުން ކިޔާފައިވާ ލަވައެއް ބެލުންތެރިންނަށް އަޑުއިވިފައި ވަނީ މީގެ 27 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ގުލާމް"އިންނެވެ. އެ ފިލްމުގެ މަޝްހޫރު 'އާތި ކިޔަ ކަންޑާލާ' ލަވަ އަކީ މާބޮޑު ތައްޔާރީތަކެއް އެކަމަށް ނުވެ ކިޔުނު ލަވައެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ފިލްމުގައި އާމިރުގެ އަޑުން ގެނެސްދޭ ދެ ލަވަ ކިޔަން އެކަމަށްވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި ހާއްސަ ވޮއިސް ޓްރެއިނިންގްއެއް ވެސް ހަދާފައިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު އަލަށް މަސައްކަތް ފަށަން ނިންމާފައިވާ ކޮމެޑީ ފިލްމަށް ވަކި ނަމެއް ހަމަޖެހިފައިނުވާއިރު އެއީ ހިންދީ ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ބާސޫ ޗެޓަޖީ އާއި ރިޝީކޭޝް މުކަރުޖީ ޖޯންރާގެ ފިލްމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ފިލްމު "ގުލާމް"ގެ ލަވަ "އާތީ ކިޔަ ކަންޑާލާ"ގެ ލަވައިގެ މަންޒަރެއްގައި އާމިރު ޚާން އަދި ބަތަލާ ރާނީ މުކަރުޖީ--ފޮޓޯ/ފޭސްބުކް

ކާމިޔާބު ފިލްމުތަކެއް ހިންދީ ސިނަމާއަށް ގެނެސްދިން ކުރީގެ ދެ ޑައިރެކްޓަރުން ކަމަށްވާ ބާސޫ އާއި ރިޝީކޭޝް ޖޯންރާގެ ފިލްމުތައް އުފައްދަން ގިނަބަޔަކު މިހާރު ހަނދާން ނައްތައިލައިފި ކަމަށާއި އެކަން އަލުން އިއާދަކުރަން އާމިރު ނިންމާފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް އެ ފިލްމުގައި އާމިރު ފެންނާނީ ހާއްސަ ފެނިލުމަކުން ކަމަށް "ސިތާރޭ ޒަމީން ޕަރު"ގެ އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ގުލާމް"ގެ ލަވަ "އާތި ކިޔާ ކަންޑާލާ"އަށް ފަހު އާމިރު އަންނަނީ ލަވަ ކިޔުމަށް ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރަމުން ކަމަށާއި އާމިރުގެ ގުރޫ އަކީ މަޝްހޫރު އިންޑިއަން ކްލެސިކަލް ލަވަކިޔުންތެރިޔާ ސުޗެތާ ބަތަޗަރުޖީ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރަކީ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި އާމިރުގެ ލަވަތައް އަޑު އަހާލުމަށް ލަތާ ދުނިޔޭގައި ނެތުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ.

ރާމް ސަމްޕަތުގެ މިއުޒިކަށް އާމިރު ކިޔަން ހަމަޖެހިފައިވާ ދެ ލަވަ ބެލުންތެރިންނަށް ގެނެސްދިނުމަށް ކެތްމަދުވެފައިވާއިރު އާއްމުންގެ ފަރާތުން އެ ލަވަތަކަށް ލިބޭނެ ފާޑުކިޔުންތަކަށް އިންތިޒާރުކުރެވޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

comment ކޮމެންޓް