އެމްޑީޕީގެ ދުވުމަށް ހުޅުމާލެއިން ހުއްދަ ނުދިނުމުން މަޖީދީ މަގުގައި ދުވުން ބާއްވަނީ

އެމްޑީޕީގެ "ރަންރީނދޫ" ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ، ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހްމަދު އީސާ އަދި ކުރީގެ ޗެއާޕާސަން ހަސަން ލަތީފް (ކ-ވ): މި ހަރަކާތަށް ހުރަސް އަޅާ ކަމަށް މިއަދު ބުނި --- ސަން ފޮޓޯ: މާނިއު މުހައްމަދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުއްދަ ނުދިނުމުގެ ސަބަބުން، މައި އިދިކޮޅު ޕާޓީ އެމްޑީޕީން އަންނަ ހުކުރު ދުވަހު "ރަންރީނދޫ"ގެ ނަމުގައި ބާއްވަން ނިންމި ހިނގާލުމާއި ދުވުމުގެ ހަރަކާތް މިނިވަން ދުވަހުގެ ކުރީ ދުވަހު މާލޭގައި ބާއްވަން ނިންމައިފިއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ހުކުރު ދުވަހު "ރަންރީނދޫ"ގެ ނަމުގައި ހިނގުމާއި ދުވުމުގެ ހަރަކާތެއް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް، އެއީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ އެޗްޑީސީން ހުއްދަދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

މި ހަރަކާތާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ހަސަން ވިދާޅުވީ، "ރަންރީނދޫ" ހަރަކާތުގެ ދަށުން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ އަންނަ ހުކުރު ދުވަހު ދަންމަރަކާ އެކީ ހުޅުމާލޭގައި ދުވުމަށް ފަހު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނަށް ގެންގޮސް، އަންނަ އޭޕްރިލް މަހުގެ ކުރިން ނިންމާލުމަށް ކަމަށެވެ.

އަމާޒަކީ އަންނަ އޭޕްރިލް މަހުގެ ކުރިން ހުރިހާ ރަށަކަށް ގެންގޮސް ރަންރީނދޫ ހަރަކާތް ނިންމާލައި، އެ ރަށްރަށުގައި އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުން ކަމަށް މި ފަހުން އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންނެވި ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެ ދަންމަރަކީ އެމްޑީޕީގެ މި ފާއިތުވި 20 އަހަރު ދިވެހި ރައްޔިތުންނަށާއި މި ރާއްޖެއަށް ކޮށްދީފައިވާ އެކިއެކި މަސައްކަތްތައް ޚިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒުކޮށްދޭ ދަންމަރު،" އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މި ދަންމަރު ފޮނުވާއިރު އަޅުގަނޑުމެން އެބަ ފޮނުވަން ޕާޓީގެ ފަރާތުން އެ ރަށްރަށުގައި ތިބި ރައްޔިތުންނަށް ޚާއްސަކޮށް އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ފަތްކޮޅެއް ވެސް،"

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، މި ހަރަކާތް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރުގެ މަގުބޫލުކަމާ މެދު ކަންބޮޑުވާތީ ކަމަށެވެ.

"ސައްބީސްވަނަ ދުވަހަކީ މިނިވަން ދުވަސް ކަމަށްވެފައި، ރާއްޖޭގެ ކައިރި ހުރިހާ ތަންތަނަކުން މެހެމާނުން ގެންނަވައިގެން މިނިވަންކަން ފާހަގަކުރައްވަން ވަޑައިގަންނަވާއިރު 18 ވަނަ ދުވަހު އަޅުގަނޑުމެން ބާއްވަން އުޅުނު ދުވުންތަކަށް ހުރަސްއަޅާ ކަމަށްވަންޏާ އަޅުގަނޑުމެން މި ނިންމަނީ 25 ވަނަ ދުވަހު، މި ހުކުރު ދުވަހު އަޅުގަނޑުމެންނަށް މިނިވަންކަން އޮތްވަރު ފެނުމުގެ ގޮތުން އަޅުގަނޑުމެން މާލޭގެ މަޖީދީމަގުގައި އަޅުގަނޑުމެން މި ދުވަން،"

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށް"އެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައި، އެމްޑީޕީން ވަނީ ދިދަ ނެގުމާއި ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސް ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް