ފާއިތުވި 11 މަސް ތެރޭ، މާލެއާއި ބުރިޖުން ލައިސެންސް ނެތި ދުއްވި 1142 މައްސަލައެއް ބެލި ކަމަށް ފުލުހުންގެ ތަފާސްހިސާބުން މިއަދު ދައްކައިފިއެވެ.
ފުލުހުން މިއަދު ވަނީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11އިން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުން ހުއްޓުވައި އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކޮށްފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން އެ މުއްދަތުގައި މި ސަރަހައްދުގައި އުޅަނދުތައް ފާސްކުރަން 2181 ޗެކްޕޮއިންޓް ޖަހައިފައިވާއިރު ފުލުހުން ފައިމަގުގައި ޕެޓްރޯލް ކުރުމުގައި 2881 ގަޑިއިރާއި 24 މިނެޓު ހޭދަކޮށްފައިވެއެވެ.
އެ މަސައްކަތްތަކުގެ ތެރެއިން، 31،857 ސައިކަލު ޗެކްކޮށް 3878 ކާރު ޗެކްކޮށްފައިވެއެވެ. އަދި ގަވައިދުތަކާ ޚިލާފަށް ސައިކަލު ދުއްވުމުން 27،291 ފަހަރަކު ނަސޭހަތްދީ، ކާރު ދުއްވި މީހުންނަށް 3،038 ފަހަރު ނަސޭހަތްދީފައިވެއެވެ.
ނުރައްކާތެރިކޮށް ދުއްވި މައްސަލަތަކުގައި ސައިކަލު ދުއްވި މީހުންނަށް 4،566 ފަހަރަކު ފިޔަވަޅު އަޅައިފައިވާއިރު، ކާރު ޑްރައިވަރުންނަށް 840 ފަހަރު ފިޔަވަޅު އަޅައިފައިވެއެވެ.
ފުލުހުން ހާމަކުރި އިތުރު ތަފާސްހިސާބުތަކުގެ ތެރޭގައި:
ނުރައްކާތެރިކޮށް ދުއްވައިގެން ހުއްޓުވި
- ކާރު 4
- ސައިކަލު 154
އެއްގޮތަކަށްވެސް ލައިސެންސް ނެތި ދުއްވުން
- ސައިކަލު 1062
- ކާރު 80
މަގުމަތީގެ ގަވައިދުތަކާ ޚިލާފުވެގެން ޓޯކުރުން
- ސައިކަލު 1821
- ކާރު 267
ގަވައިދާ ޚިލާފަށް ޕާކް ކުރުމާ ގުޅިގެން ޓޯކުރުން
- ސައިކަލު 3882
- ކާރު 1899
މިފަހުން މާލެއާއި ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ބޮޑުތަކުރުފާނު މަގުން 17 އަހަރުގެ ކުއްޖަކު ބާރަށް ދުއްވި ސައިކަލެއް، މަގު ހުރަސްކުރި މީހަކާއި ޕިކަޕެއްގައި ޖެހި، އެ ކުއްޖާ މަރުވެފައިވެއެވެ.
އެ ހާދިސާގައި ސައިކަލުގައި ދެން އިން ކުއްޖާއާއި މަގުހުރަސްކުރި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެކްސިޑެންޓުތައް ހިނގުން އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2022ގައި ފުލުހަށް 1615 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، 2023ގައި އެ އަދަދު ވަނީ 2300އަށް އަރައިފައެވެ. މިދިޔަ އަހަރު 2885 މައްސަލަ ހުށަހަޅާފައިވެއެވެ.
މިދިޔަ އަހަރު ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގުމާ ގުޅިގެން ޓްރެފިކް ބެލުމަށް މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ސެޕްޓެންބަރު މަހު ބުންޏެވެ.
އެ ފިޔަވަޅުތަކާ ގުޅިގެން އެއިރު އެކްސިޑެންޓުތައް މަދުވި ކަމަށް ވެސް ތަފާސްހިސާބުން ދެއްކިއެވެ.