ޑޮލަރެއް ވިއްސަށް: ހުރިހާ ބާރެއް ޖީބަށް

ގަވަރުނަރު މުނައްވަރު: ޑޮލަރެއް މިއަދު ކަޅު ބާޒާރުގައި ހުރީ 20.40 އަށް --- ސަން ގްރެފިކްސް/ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ޑޮލަރު އެބަހުއްޓެވެ. ޑޮލަރު ނުލިބެނީ 15.42 އަށެވެ. ޑޮލަރަކަށް 20 ރުފިޔާ ނޫނީ 20.40 ދައްކަން ރުހެންޏާ ކިތަންމެ ވަރަކަށް ވެސް ޑޮލަރު ލިބެއެވެ. ޑޮލަރެއްގެ އަގު ބޮޑުވީމާ ރަށްރަށުގެ ޖޯލީގައި އޮންނަ މީހާގެ ޖީބަށް ވެސް ބަރުވާނެއެވެ. އެއީ، އިގުތިސާދީ ހަގީގަތެވެ.

އެތައް ސަތޭކަ ފަޅު ރަށެއް އޮއްވައި, ދިވެހީންނަކީ ކާށި ވެސް އިމްޕޯޓުކުރާ ބައެކެވެ. ވިޔަފާރިވެރިން ބޭރުން މުދާ ގެންނަން 20 ރުފިޔާއަށް ޑޮލަރު ގަންނަން ޖެހުނީމާ ހުރިހާ އެއްޗެއްގެ އަގު ވެސް ބޮޑުވެއެވެ. ބޯ ކޮފީއާއި ޖަހާ ސެންޓާއި ދަރިފުޅުގެ ނެޕީ ވެސް އަގުބޮޑުވެއެވެ.

ރާއްޖޭގައި އޮންނަނީ ޑޮލަރެއްގެ އަގަކީ 15.42 ރުފިޔާކަމަށް ލިޔެ ރައްކާކޮށްފައެވެ. އެއީ އެކަމަކު ކަރުދާހުގައި އޮންނަ އެއްޗެކެވެ. ބާޒާރުގައި ޑޮލަރެއްގެ އަގަކީ 20.40 ރުފިޔާއެވެ. އެއީ މިއަދެވެ. ދުވަހުން ދުވަހަށް ޑޮލަރުގެ އަގު އަންނަނީ އުފުލެމުންނެވެ. އެ އުފުލޭ ކޮންމެ ފަހަރަކު އެ ބަރުވަނީ އާންމު މީހާގެ ޖީބަށެވެ. ކުރިން 20 ރުފިޔާއަށް ލިބުނު ކޮފީތަށި 25 ރުފިޔާއަށް ބޮޑުވަނީއެވެ. އެއީ އެކަން ހިނގާނެ ގޮތެވެ.

ލިބޭހާ ޑޮލަރެއް މި ދަނީ ކޮންތާކަށް؟

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިދިޔަ އޮކްޓޫބަރުން ފެށިގެން އަންނަނީ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުވަމުންނެވެ. ގެސްޓްހައުސްތަކުން 25 ޑޮލަރު ނަގައެވެ. ފަހުން ނުކުރާނަމޭ ބަދަލެއް ވިދާޅުވެފައި ވެސް އޮތީ އެ އަދަދު އާމްދަނީގެ 20 އިންސައްތައަށް އިޚުތިޔާރެއް ދީފައެވެ. ރައްޔިތުންގެ މަޖިލީހުން ޑިސެންބަރު 12 ގައި އެ ބިލު ފާސްކުރުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަގުތުން ތަސްދީގުކުރެއްވިއެވެ. އެހެންވީމާ، ކޮންމެ ގޮތެއް ވިޔަސް ކުރިއަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މިހާރު ވަންނާނެއެވެ.

https://sun.mv/208471

އެކަމަކު، ބޭންކްތަކަށް ޑޮލަރު މާރުކުރީމާ އެ ޑޮލަރު ނަގަނީ އެމްއެމްއޭއަށެވެ. ބޭންކުތަކަށް ވަންނަ ބޭރު ފައިސާގެ 60 އިންސައްތަ ދިޔައީ ނަގަމުންނެވެ. ފަހުން އެ އަދަދު 90 އިންސައްތައަށް ހިއްލައިލީއެވެ. އެހެންވެ، ކޮންމެ ހަފުތާއަކު ވަންނަ ބޭރު ފައިސާގެ 90 އިންސައްތަ އެމްއެމްއޭއަށް މާރުކުރަން ލާޒިމެވެ. އެހެންވީމާ ބޭންކަށް ވަންނަ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު އެމްއެމްއޭއިން ނަގަނީއެވެ. ބޭންކްގައި އޮންނަނީ 10 ޑޮލަރެވެ.

އެ ފައިސާ މާކެޓަށް ނެރޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެކަމަކު، ހިސާބުތަކުން އެ ކަމެއް ނުފެނެއެވެ. ހިސާބުތައް ދައްކަނީ ޑޮލަރުތައް ތިޖޫރީގައި ފޮރުވާ ކަމަށެވެ. އާންމުންނަށް ޑޮލަރު ނުލިބެނީ އެމްއެމްއޭއަށް އެ ވައްދާ ފޮރުވާތީއެވެ.

އެމްއެމްއޭއިން ހިއްސާކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިދިޔަ މަހުގެ 30އާ ހަމައަށް ބޭންކްތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވެއެވެ. އޭގެ ތެރެއިން، 60 އިންސައްތަ ނަގާފައިވަނީ އެމްއެމްއޭއަށެވެ. އެ ފައިސާއިން ޖޫން މަހުގެ ނިޔަލަށް 88 މިލިއަން ޑޮލަރު ވަނީ ލޯނުތައް ދައްކަން ޚަރަދުކޮށްފައެވެ. އަދި، ޖޫން މަހު 174 މިލިއަން ޑޮލަރު ވަނީ ލޯނުތައް ދައްކަން ޚަރަދުކޮށްފައެވެ. އަދި، މި އަހަރު ދައްކަންޖެހޭ ބޮންޑަށް 27.5 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

https://sun.mv/208723

މަރުކަޒީ ބޭންކްގެ އޮފިޝަލަކު ވިދާޅުވީ، ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގައި ކަމަށެވެ.

"ނަމަވެސް އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުން،" އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ބޭންކްތަކަށް މާރުކުރާ މިންވަރު މިދިޔަ ހަތަރު އަހަރު ވެސް ހުރީ ގާތްގަނޑަކަށް 10 އިންސައްތައިގައެވެ. އެކަމަކު، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު މި އަހަރު އެ އަދަދު ހުރީ 20 އިންސައްތައިގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭއިން ބުނީ، ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކާ ޑޮލަރުގެ އަދަދު ވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 14 އިންސައްތަ އިތުރުވެފައި ކަމަށެވެ.

https://sun.mv/206174

"ދޮގު ނުހަދާ މި ބުނަނީ 15.42 އަށް ޑޮލަރެއް ލިބުނު ދުވަހެއް ހަނދާނެއް ވެސް ނެތް. ދެން ވިޔަފާރިތަކަށް ޑޮލަރު ދެމޭ އެ ބުނަނީ ކިހިނެއް ކަމެއް ނޭނގެ. ހަމަ ގައިމު ވެސް އަހަރެމެންނަކަށް ޑޮލަރެއް ނުލިބޭ،" ބޭރުން މުދާ ގެންނަ ކުންފުންޏެއް ހަދައިގެން ދިރިއުޅުމެއް ބިނާކުރެވޭތޯ މަސައްކަތްކުރާ 35 އަހަރުގެ މީހަކު ނަން ނުޖަހާގޮތަށް ކިޔައިދިނެވެ.

"މިހާރު އަދި ޝޮޕިން ސައިޓުތަކުން 30 ޕަސެންޓު ނަގަން ފެށީމާ ކޮންޓެއިނަރު ވެސް ފުލްނުވެގެން އެތައް ދުވަހަކު މަޑުކުރަންޖެހޭ. ވިޔަފާރި މި އޮތީ 80 އިންސައްތަ ދަށްވެފައި. ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަނީ. އެކަމަކު، އިރުއިރުކޮޅާ ބުނޭ ޑޮލަރު ދެމޭ ވިޔަފާރިތަކަށް،"

ޑޮލަރުކޮޅު ފޮރުވަނީ ކީއްވެ؟

ދިވެހި ބޭންކްތަކަށް ވަންނަ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު އެމްއެމްއޭގައި ފޮރުވަނީއެވެ. ނަތީޖާއަކީ އާންމު މީހުންނަށް ޑޮލަރު ވިއްކޭ ވަރަށް ބޭންކްގައި ޑޮލަރު ނުހުރުމެވެ. ޓީމޫ ފަދަ ސައިޓުތަކުން ގެންނަ ކޮންމެ އޯޑަރަކަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކަށް 30 އިންސައްތަ ބޭންކަށް ނަގަން ފެށީ އެހެންވެ ކަމަށް ވެދާނެއެވެ.

އެކަމަކު، ބޭންކުން ބުނީ އެކަން ކުރީ ޑޮލަރު ރޭޓު މަތިކުރަން ނޫން ކަމަށެވެ. ޓީމޫފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހަދަން ކަމަށް, ބީއެމްއެލްއިން ބުނެއެވެ.

ގަވަރުނަރު މުނައްވަރު: އޭނާއަކީ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މާލީ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅެއް -- ފޮޓޯ/ އަވަސް

އެހެންވިޔަސް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ބޭންކް ރޭޓުގައި 15.42 ރުފިޔާއަށް ޑޮލަރު ދެވެން ނެތީމާ، ގަސްތުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ހިއްލައިލީއެވެ.

އެކަމަކު، އެކަން ކުރަނީ ކީއްވެހެއްޔެވެ؟ ލިބޭހާ ޑޮލަރެއް ބޮޑުފޮއްޓަށްލައި ފޮރުވަންޖެހެނީ ކީއްވެހެއްޔެވެ؟

ރާއްޖެއިން މި އަހަރު 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ދަރަންޏަށް ދައްކަންޖެހެއެވެ. އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. ރިޒާވްގައި އެ ވަރުގެ ހިތްވަރެއް ނެތެވެ. އިގުތިސާދުގައި އެ ހަކަތައެއް ވެސް ނެތެވެ. އެހެންވެ، ސަރުކާރުން އެ ފައިސާ އެއްކުރަނީއެވެ. އޭގެ ހިތި މި ބޯންޖެހެނީ އާންމު ރައްޔިތުންނެވެ.

ހަގީގަތަކީ ރާއްޖެއަށް ބޭރުގެ އެހީއެއް ނުލިބެއެވެ. އެ ކަމާ ހުރެ ސަރުކާރުން ވެސް ކަމަކަށް ޑޮލަރެއް ބޭނުން ވެއްޖިއްޔާ ޖެހެނީ މާކެޓުން ޑޮލަރު ހޯދާށެވެ. މީހުން ރުޅިއަންނަނީ އެ މީހުންނަށް ޑޮލަރު ނުލިބިގެން އުޅޭއިރު ސަރުކާރުން މިލިޓަރީ ސާމާނަށް މިލިއަނުން ޑޮލަރު ހަރަދުކޮށްލާތީއެވެ.

އިގުތިސާދު އެ އޮތީ މަޑުޖައްސައިފައެވެ. ސަޕްލަޔަރުންނަކަށް ފައިސާއެއް ދުލެއް ނުކުރެއެވެ. މަޝްރޫއުތަކެއް ނުހިންގައެވެ.

"ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި، ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި، ޤައުމު މިދަނީ އިގުތިސާދީ އަނދަވަޅަކަށް ވެއްޓެމުން. ގައުމު މިދަނީ ބަގުރޫޓު ވަމުން،" އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް މި މަންޒަރު ސިފަކުރެވެނީ މި ފަދައިންނެވެ.

އޭނާގެ ވިސްނުމުގައި އެމްއެމްއޭގެ ގަވަރުނަރު މުހައްމަދު މުނައްވަރު ހަނުހުންނެވުމަކީ ޣައިރު ޒިންމާދާރު އަމަލެކެވެ. އެއީ، ވަރަށް ބޮޑު އިހުމާލެކެވެ. ސިޔާސީ ބޭފުޅުންގެ މުށުތެރޭގައި ނުހަންނަވާ، ގަވަރުނަރު މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވަން ޝާހިދު ވަނީ ގޮވާލައްވައިފައެވެ.

"ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލަން،"

'ބުދު' ޖަހާފައި ހުއްޓަސް ދުނިޔޭގެ ވިޔަފާރި ބަރޯސާވަނީ ޑޮލަރަށެވެ. ކާށިން ފެށިގެން މެޓަޔާ ހަމައަށް އިމްޕޯޓުކުރާ ގައުމެއްގައި ރުފިޔާގެ އަގު ދަށްވާ ކޮންމެ ފަހަރަކު އެ އެނގުން އާންމު މީހާގެ ޖީބަށް ކުރާނެއެވެ. މިހާރު ރުފިޔާގެ އަގު އެ ވަނީ 31 އިންސައްތައަށް ދަށްވެފައެވެ. މިސާލަކަށް، 15،000 ރުފިޔާގެ މުސާރައެއް ލިބޭ މީހަކަށް ރުފިޔާގެ އަގު ދަށްވުމުން މިހާރު އެ ލިބެނީ 10،350 ރުފިޔާއެވެ. މާނައަކީ ރުފިޔާގެ އަގުން 4،650 ރުފިޔާގެ ދަށްވުމެއް އައީއެވެ. އާންމުންގެ ޖީބަށް ކުރަނީ އެ އަސަރެވެ.

ޑޮލަރެއް އެ ހުރީ ވިއްސަށެވެ. ހުރިހާ ބާރެއް މި ކުރަނީ އާންމުންގެ ޖީބަށެވެ. ނިކަމެތިންނަށެވެ.

comment ކޮމެންޓް