ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކުރީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.
ހައްޔަރުކުރި ދެ މީހުންނަކީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ. އެ ދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެވަނަ މީހާ: އޭނާއާއި އޭނާއާއެކު ހުރި އަންހެން މީހާ ބަލައިފާސްކުރިއިރު ޑުރަގު ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓު ފެނިފައިވޭ -- ފޮޓޯ/ ފުލުހުން
ފުލުހުން ބުނީ އެ ދެމީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް ފަސް ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި އާންމުވުން ހިމެނޭއިރު މިދިޔަ އަހަރު ޑުރަގާ ގުޅުންހުރި 1،673 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 1،010 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.