ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަމިއްލަ އެކައުންޓުތަކަށް ކޮއްތު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހިމެނޭ އިސް މީހާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލަ މީޑިއާތަކަށް ތިލަވީ މިމަހުގެ އަށްވަނަ ދުވަހެވެ.
ފުލުހުން އޭރު ބުނީ އެ މައްސަލަ ފެންމަތިވުމާއެކު، އެ ފުލުހުން މާލެ ގެނެސް މައްސަލަ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ. އޭރު ވެސް އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މި ފައިސާ އެ ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ފުލުހުންގެ ކެއުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުންނެވެ.
'ސަން' އިން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ އިސް މީހާ ވަޒީފާގެ މަސްއޫލިއްޔަތާ ދުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތާ ދުރުކުރީ މައްސަލައިގައި ހިމެނޭ ފުލުހުންގެ އޮފިސަރަކު ކަމެއް ނުވަތަ ކެއުމުގެ ކަންކަން އިންތިޒާމުކުރަަން ހަވާލުކުރި މީހާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދާއި، އެ ފައިސާ ހޯދުނުތޯ އާއި އެ މައްސަލައިގައި މާލެ ގެނައީ ކިތައް ފުލުހުންކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ކޮއްތު ފައިސާއަކީ އަމިއްލަ އަތަށް ދޭ ފައިސާއެއް ނޫނެވެ. ބޮޑެތި ސްޓޭޝަންތަކުގައި ކެއިންބުއިމުގެ ކަންކަން ބިޑު އުސޫލުން އޮންނަނީ ބަޔަކާ ހަވާލުކޮށްފައެވެ. ނަމަވެސް ބައެއް ކުދި ސްޓޭޝަންތަކުގައި އެ ފައިސާ އަތަށް ދޭ ކަމަށްވެއެވެ.