އަޖޭގެ ފިލްމު 'ސަން އޮފް ސަރުދާރު 2' ރިލީޒްކުރުން ފަސްކޮށްފި

މި މަހުގެ 25 ގައި ރިލީޒްކުރާނެކަން އިއުލާނުކުރި އަޖޭ ދޭވްގަންގެ ފިލްމު "ސަން އޮފް ސަރުދާރު 2" ރިލީޒްކުރުން ކުރިއަށް އޮތް އޮގަސްޓް މަހަށް ފަސްކޮށްފިއެވެ.

މި ފިލްމު ރިލީޒްކުރުން ފަސްކޮށްފައި ވަނީ ޔަޝް ރާޖް ފިލްމްސްއިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު ލޯބީގެ ފިލްމު "ސައްޔާރާ"އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި އޭގެ ހިޔަނި "ސަން އޮފް ސަރުދާރު 2"އަށް އެޅިދާނެ ކަމަށް ލަފާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ސައްޔާރާ" ސިނަމާތަކުގައި އެޅުވިތާ ދެ ހަފްތާ ފަހުން "ސަން އޮފް ސަރުދާރު 2" ރިލީޒްކޮށްފިނަމަ ދެ ފިލްމަށް ވެސް ވިޔަފާރީގެ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ފިލްމު އެނަލިސްޓުން ވެސް ވަނީ ބުނެފައެވެ.

ފިލްމު އެނަލިސްޓަކު މީޑިއާގައި ބުނިގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހަށް "ސަން އޮފް ސަރުދާރު 2" ރިލީޒްކުރުން ފަސްކުރަން އަޖޭ އާއި ޖިއޯ ސްޓޫޑިއޯއިން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ބަތަލާ މްރޫނަލް ތާކުރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ސައްޔާރާ"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ރިވިއުސްތަކާ އެކު ފިލްމަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި "ސަން އޮފް ސަރުދާރު 2" ރިލީޒްކޮށްފިނަމަ މަދުވެގެން ދެ ހަފްތާއަށް ފިލްމު ރަނގަޅަށް ހިނގާނެ ކަމަށް ޓްރޭޑް އެކްސްޕާޓުން ވަނީ ބުނެފައެވެ.

ފިލްމު "ސަން އޮފް ސަރުދާރު 2" އަކީ 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަން އޮފް ސަރުދާރު"ގެ ސީކުއަލްއެކެވެ. ސަން އޮފް ސަރްދާރް 2 ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އިތުރުން ބަތަލާ މްރުނާލް ތާކުރު އަދި ފިލްމީ ތަރިން ކަމަށްވާ ރަވީ ކިޝަން، ނީރޫ ބާޖްވާ، ދީޕަކް ޑޮބްރިޔާލް، ކުބްރާ ސެއިޓު، ޗަންކީ ޕާންޑޭ، ޝަރަތު ސަކްސޭނާ، ވިންދޫ ދާރާ ސިންގު، ރޯޝްނީ ވާލިޔާ، ސަންޖޭ މިޝްރާ އަދި އަޝްވިނީ ކަލްސޭކަރް ހިމެނެއެވެ.

މީގެއިތުރުން ދާދިފަހުން ކުއްލި ގޮތަކަށް މަރުވި އެކްޓަރު މުކުލް ދޭވް ވެސް މި ފިލްމުގެ ރޯލަކުން ފެންނާނެއެވެ.

comment ކޮމެންޓް