މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ސައްޔާރާ"އަކީ ކޮރެއާ ފިލްމެއް ނަކަލުކޮށްގެން އުފައްދާފައިވާ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.
ކޮރެއާގެ ޑައިރެކްޓަރު ޖޯން އެޗް ލީ 2004 ވަނަ އަހަރު ގެނެސްދިން ފިލްމު "އަ މޯމެންޓް ޓު ރިމެމްބަ"ގެ ވާހަކަ އާއި ފިލްމު "ސައްޔާރާ"ގައި ގެނެސްދިން ވާހަކައިގައި ވަރަށް އެއްގޮތް ކަމެއް ހުރިއިރު އެއީ ޑައިރެކްޓަރު މޯހިތު ސޫރީގެ އަމިއްލަ ފިލްމެއް ކަމަށް ދައުވާ ކުރުމުގެ ފުރުސަތު ނެތް ކަމަށް އާއްމުންގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބަހުސްތަކެއް ކުރިއަށްދާއިރު ބައެއް މީހުން ބުނެފައި ވަނީ ކޮރެއާގެ ފިލްމުގެ ޕްލޮޓާ އެއްގޮތަށް "ސައްޔާރާ" ގެނެސްދީފައި ނެތް ނަމަވެސް ދެ ފިލްމުގައި ވެސް ވަރަށް އެއްގޮތްކަން ބޮޑު ކަންކަން އެބަހުރި ކަމަށެވެ.

އަދި ބޮލީވުޑް ފިލްމު "ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީ--ފޮޓޯ/މިޑްޑޭ
ފިލްމު "ސައްޔާރާ"ގެ ޓީމާ އެއްކޮޅަށް ވާހަކަ ދެއްކި މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީގެ އެންމެ ކުރީގައި އުޅޭ ކޮންމެ އާޓިސްޓަކު ވެސް މަސައްކަތް ކުރާނީ އެކަކު އަނެކަކަށް ނަކަލު ކުރުމަށް ކަމަށެވެ.
ނަމަވެސް އޭގައި އޯޑިއަންސްއިން ބަލަންވީ އެ އާޓިސްޓަކު ބެލުންތެރިންނަށް ގެނެސްދޭ ހުށަހެޅުމުގެ ފެންވަރުގެ މައްޗަށް ކަމަށެވެ. ކޮރެއާގެ ފިލްމު "އަ މޯމެންޓް ޓު ރިމެމްބަ"ގައި ގެނެސްދީފައިވާ ބައެއް ހާދިސާތަކަކީ މި ފަހުން ވަރަށް ގިނަ ފިލްމުތަކުން ފެންނަނ ހާދިސާތަކާއި ގުޅުންހުރި ކަންކަމަށްވާއިރު ޑައިރެކްޓަރު މޯހިތު ސޫރީ އެ ފިލްމު ނަކަލު ކުރިކަމަށް ބުނުމުގެ ޖާގަ ނެތް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.
ކުރީގެ އެކްޓަރު ޗަންކީ ޕާންޑޭއަށް ބޮޑު ބޭބެ ކިޔާ އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފްކުރި ފިލްމު "ސައްޔާރާ"އަކީ ވަރަށް އަވަސް އަވަހަށް ރުޅި އަންނަ މިއުޒީޝަނަކާއި މަޑުމައިތިރި ނޫސްވެރިޔަކާއި ދެމެދު ހިނގާ ލޯބީގެ ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގައި ބަތަލާގެ ރޯލް ކުޅޭ އަނީތު ޕައްޑާ (ވާނީ)އަށް އަލްޒައިމާ ބަލި ތަހައްމަލު ކުރަން ޖެހުމުން ދެ މީހުންގެ ގުޅުން ހީނަރުވެ އެކަކު އަނެކަކާ ދޭތެރޭ މައްސަލަޖެހި އެކަންކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތްތައް ފިލްމުގައި ދައްކުވައިދޭނެއެވެ.
ޔަޝް ރާޖް ފިލްމްސްއާ މޯހިތު ސޫރީ ގުޅިގެން ގެނެސްދިން ފިލްމު "ސައްޔާރާ" ބެލުމަށްފަހު ބެލުންތެރިންގެ ތައުރީފު އަހާން އާއި އަނީތުއަށް އޮހެމުން އަންނައިރު ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫން ކަމަށެވެ.
ބޮލީވުޑްއިން ފެންނަން ބޭނުންވާ ކަހަލަ ލޯބީގެ ރަހަތައް އެކުލެވޭ ފިލްމެއް ބަލާލުމުގެ ފުރުސަތު ލިބުނީ ވަރަށް ގިނަ އަހަރުތަކަކަށްފަހު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.