ފިލްމު 'ކޮމާންޑޯ'އިން މަގުބޫލުކަން ހޯދި ވިދްޔުތު ހޮލީވުޑަށް

ބޮލީވުޑް އެކްޓަރު ވިދްޔުތު ޖަމްވާލް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ކޮމާންޑޯ"ގެ ސީރީސް ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު ވިދްޔުތު ޖަމްވާލް ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން މާޝަލް އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އެކްޓަރު ސޮއިކޮށްފައި ވަނީ އެމެރިކާގެ ފިލްމު ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ލެޖެންޑަރީ އެންޓަޓެއިންމަންޓްއިން އުފައްދާ ފިލްމަކަށެވެ.

މަޝްހޫރު އައިކޮނިކް ކެޕްކޮމް ވީޑިއޯ ގޭމް 'ސްޓްރީޓް ފައިޓާ'ގެ ސީރީސް އަސްލަކަށް ބަލައިގެން އުފައްދާ ފިލްމުގައި ވިދްޔުތު ކުޅެން ހަމަޖެހިފައި ވަނީ 'ދާލްސިމް' ނަމަކަށް ކިޔާ ކެރެކްޓާއެކެވެ.

ވިދްޔުތު ސޮއިކޮށްފައިވާ ހޮލީވުޑް ފިލްމުގެ ކާސްޓުގައި ހިމެނޭ އެމެރިކާގެ އެކްޓަރު ޖޭސަން މޮމޯ--ފޮޓޯ/އިންޑިއާޓީވީ

މި ފިލްމުގެ ޑައިރެކްޓަރަކީ 2021 ވަނަ އަހަރު ރިލީޒްކުރި އެމެރިކަން ކޮމެޑީ ފިލްމު "ބޭޑް ޓްރިޕް" ގެނެސްދިން ކިތާއޯ ސަކުރާއީއެވެ. ވިދްޔުތުގެ އިތުރުން މި ފިލްމުން ފެންނާނެ ހޮލީވުޑްގެ ތަރިންގެތެރޭ އެންޑްރޫ ކޯޖީ، ނޯއާ ސެންޓިނިއޯ، ކަލީނާ ލިއަންގް އަދި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ޖޭސަން މޮމޯ ހިމެނެއެވެ.

ވަރަށް ވަރުގަދަ އެކްޝަން ފިލްމުތަކުން ފެނިފައިވާ ވިދްޔުތުއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެންފެށީ އޭނާގެ ފިލްމުތަކުގައި ދައްކުވައިދޭ މާޝަލް އާޓްސްގެ ސްޓަންޓް ސީންތަކާ ގުޅިގެންނެވެ.

އެގޮތުން ފިލްމު "ކޮމާންޑޯ" އަދި "ޚުދާ ހާފިޒު"ގެ ފިލްމުތަކުން ވިދްޔުތު ދައްކުވައިދިން މާޝަލް އާޓްސް މަންޒަރުތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބި ބެލުންތެރިން ތައުރީފު ވެސް އެކްޓަރަށް ވަނީ ލިބިފައެވެ.

ވިދްޔުތު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި ފިލްމު "ކްރެކް"އިންނެވެ.

comment ކޮމެންޓް