މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖު މަތިން ސައިކަލު ދުއްވާފައި ދިޔަ މީހެއްގެ ކަރުގައި ކަންވާރު ފަށެއް އެޅި އަނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބުރިޖުން ހުޅުމާލެއިން މާލެއަށް ދާ ލޭނުގައި އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 8:50 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި، އެ ހާދިސާ އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމަކު މި ހާދިސާ ހިނގިތާ ތިން ދުވަސް ވެފައިވާއިރު، އެ ހާދިސާ ހިނގި ގޮތުގެ އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ. އެގޮތުން ކަންވާރު ފަށެއް ބުރިޖު މަތީގައި އޮތް ސަބަބާއި ސައިކަލުގައި ދިޔަ މީހާއަަށް ލިބުނު އަނިޔާގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.