5 އަހަރުން 1.9 ބިލިއަންގެ ލޯނު ދޭގޮތަށް އެސްޑީއެފްސީ ބީއެމްއެލަށް ވިއްކައިލަނީ

22 އެޕްރީލް 2025: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސް އަހަރުން 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާ ގޮތަށް، އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ، އެސްޑީއެފްސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލުމުން، އެ ބޭންކުގެ މާލީ ޤާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެކަމަށް ބުންޏެވެ.

އެސްޑީއެފްސީ -- ފޮޓޯ/ ރައީސް އޮފީސް

އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފައެވެ.

އަދި ބިޒްނަސް ސްޓާޓްއަޕްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމައިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރު ވެސް، އެސްޑީއެފްސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށް ސަރުކާރުން ބުންޏެވެ.

އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބޭންކް އޮފް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެން ދާނެއެވެ.

އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސްޑީއެފްސީގެ އެފިޝަންސީ ރަނގަޅުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސްޑީއެފްސީގެ ހިންގުން ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ޚިދުމަތް ދިނުމުގައި ގެންގުޅޭ އުޞޫލުތައްވެސް ހަރުދަނާ ވާނެއެވެ.

comment ކޮމެންޓް