ފިލްމު 'ސައްޔާރާ'ގެ އަޑު މަޑެއް ނުވޭ، އެންމެ ފަސް ދުވަހުން 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފި

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އިއްޔެއާ ހަމައަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 100 ކްރޯޑު ރުޕީސް (11.96 މިލިއަން ޑޮލަރަ)ށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަދަދާ އެކު ކާމިޔާބު ފިލްމު ޑައިރެކްޓަރު މޯހިތު ސޫރީ އާއި ޔަޝް ރާޖް ފިލްމްސް ގުޅިގެން ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ "ސައްޔާރާ" ވަނީ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދާފައި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމު "ސައްޔާރާ"ގެ ވާހަކަ އާއި މިއުޒިކްގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާއިރު ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ތަރިންނާއި ފިލްމު ޑައިރެކްޓަރުން ވަނީ މި ފިލްމުގެ ލީޑް ރޯލް ކުޅެފައިވާ ދެ ޒުވާނުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ފިލްމު "ސައްޔާރާ"ގެ ލީޑް ތަރިން އެ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީއާ އެކު--ފޮޓޯ/ޕިންކްވިލާ

އޭގެތެރޭގައި ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ ކަރަން ޖޯހަރު، މަދޫރު ބަންޑާރުކަރުގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ އަނިލް ކަޕޫރު، ރަންވީރު ސިންގް، މަހޭޝް ބާބޫ، އަރުޖުން ކަޕޫރު، އާލިއާ ބަޓް، ޝްރައްދާ ކަޕޫރު އަދި އަމީޝާ ޕަޓޭލް ހިމެނެއެވެ.

އަހާންއާ އެކު ފިލްމު "ސައްޔާރާ"ގައި ބަތަލާގެ ރޯލް ކުޅެފައިވާ އަނީތު ޕައްޑާ އަކީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަލާމް ވެންކީ" އަދި މިދިޔަ އަހަރު އެމޭޒަން ޕްރައިމްއިން ގެނެސްދިން "ބިގް ގާލްސް ޑޯންޓް ކްރައި"ގެ މުހިއްމު ރޯލް ކުޅުނު ބަތަލާއެވެ.

އަހާން އާއި އަނީތު ޕައްޑާގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިއީ 2013 ވަނަ އަހަރު މޯހިތު ސޫރީ ގެނެސްދިން ފިލްމު "އާޝިޤީ 2"ގެ ނިމުނުގޮތާއި ގުޅިގެން މާޔޫސްވި ބެލުންތެރިންނަށް އުފާކޮށްލަދިން ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ފިލްމު "ސައްޔާރާ"އަށް ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ކަށަވަރުވެފައިވާއިރު މިއީ މި އަހަރު ދަރުމާއިން ގެނެސްދިން ފިލްމު "ކޭސަރީ ޗެޕްޓާ 2"އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީއަށް ވުރެ އިތުރު އަދަދެކެވެ.

މި ފިލްމުގެ ޓީމުގެ އަމާޒަކީ މި އަހަރު ރިލީޒްވި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"އަށް ވުރެ ބޮޑު އާމްދަނީއެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ފިލްމު ސިނަމާތަކުން ނެގިއިރު ފިލްމަށް ލިބިފައި ވަނީ އެންމެ 110 ކްރޯޑު ރުޕީސްގެ އާމްދަނީއެކެވެ.

comment ކޮމެންޓް