ވިޖޭގެ ފިލްމު 'ކިންގްޑަމް' މި މަހު ސިނަމާތަކަށް

ބޮލީވުޑަށް ވެސް ތައާރަފްވެފައިވާ އިންޑިއާގެ ތެލުގޫ އެކްޓަރު ވިޖޭ ދެވެރަކޮންދާގެ ފިލްމު "ކިންގްޑަމް" މި މަހުގެ 31 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.

މިފަހުން ރިލީޒްވި ވިޖޭގެ ފިލްމުތަކަށް ބެލުންތެރިންގެ ތަރުހީބު ލިބުނު ނަމަވެސް ބޮކްސް އޮފީހުގައި އެ ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

އެހެންކަމުން ވިޖޭގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ފެންނަ މި ފިލްމާ މެދު ކުރެވޭ އުއްމީދުތައް ވެސް ބޮޑެވެ. ސިތާރާ އެންޓަޓެއިންމަންޓްސްއިން ގެނެސްދޭ މި ސްޕައި އެކްޝަން ޑްރާމާގެ ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައި ވަނީ އިންޑިއާގެ ހައިދަރުއާބާދު، ކެރެލާ އަދި އަވަށްޓެރި ޤައުމު ސްރީލަންކާގައެވެ.

މި ފިލްމުގެ ޑައިރެކްޓަރު ގޯތަމް ތިއްނާނުރީ ބުނިގޮތުގައި މި ފިލްމުގައި ވިޖޭ ފެންނާނީ މީގެކުރިން އެކްޓަރު ސްކްރީނުން ފެނިފައިނުވާފަދަ ގޮތަކަށް ކަމަށެވެ. ވަރަށް ބޮޑު ބަދަލެއް ހަށިގަނޑަށް ވެސް ގެނެސްފައިވާ ވިޖޭ ވަނީ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ.

ވިޖޭއާ އެކު ފިލްމު "ކިންގްޑަމް"އިން ފެންނާނީ ބޮލީވުޑް ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ބަތަލާ ބަގްޔާޝްރީ ބޯސް--ފޮޓޯ/އެންޑީޓީވީ

އިންޑިއާގައި އާއްމުކޮށް ވާހަކަ ދައްކާ އުޅޭ ތެލުގޫ، ތަމަޅަ އަދި ހިންދީ ބަހުން ފިލްމު ރިލީޒްކުރަން ނިންމާފައިވާ ހިންދީ ބަހުން ޑަބްކޮށްފައިވާ ފިލްމު ގެނެސްދެނީ ފިލްމުގެ ނަން "ސާމްރާޖްޔަ"އަށް ބަދަލުކުރުމަށް ފަހުއެވެ.

ވިޖޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ދެ ފިލްމު "ދަ ފެމިލީ ސްޓާ" އަދި ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"އިންނެވެ. ފިލްމު "ކަލްކީ"ގައި ވިޖޭ ކުޅެފައި ވަނީ ވަރަށް ކުޑަ ކުޑަ ރޯލެކެވެ.

ދަރުމާ ޕްރޮޑަކްޝަންސްއިން 2022 ވަނަ އަހަރު ގެނެސްދިން ފިލްމު "ލައިގާ"އަށްފަހު ވިޖޭ އިތުރު ހިންދީ ފިލްމަކުން ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް