މާލެ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތަފުސީލުތައް ހިއްސާކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މާލޭގެ މޭޔަރު އާދަމް އާޒިމްގެ އަރިހުން އެދިވަޑައިގެންފިއެވެ.
އާޒިމަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ސައިފް ވިދާޅުވީ، މާލޭގެ މަގުތަކާއި އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި ކުޅިވަރު މައިދާނުތަކަކީ މާލޭ ރައްޔިތުންގެ މިލްކެއް ކަމަށާއި، އެ ތަންތަނުން އެންމެ އެކަށީގެންވާ އާންމު މަސްލަހަތާއި މަންފާ ނެރުމަކީ ހުރިހާ މާނައެއްގައި ވެސް އެކަމުގެ މައްޗަށް ސިޓީ ކައުންސިލް ޒިންމާދާރު ކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންވެ އެފަދަ ތަނެއް ކުއްޔަށް ދީ ނުވަތަ ތަރައްގީކުރަން ވާނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅައި، މަޝްވަރާކުރުމަށް ފަހު، އާންމުންގެ ވެސް ޚިޔާލާއެކު ކަމަށް، އެ ސިޓީގައި ވެއެވެ.
ސައިފް ވިދާޅުވީ، މާލޭން އެކި މުއްދަތުތަކަށް ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލު ހޯދުމަށް ތަކުރާރުކޮށް އާޒިމްގެ އަރިހުގައި އެދިވަޑައިގެންފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް މައުލޫމާތު ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަން ކައުންސިލްގެ އާންމު ރަސްމީ ތިން ޖަލްސާއެއްގައި ފާހަގަކުރެއްވި ނަމަވެސް، ހުރިހާ ފަހަރަކު ވެސް އާޒިމް ވިދާޅުވަނީ ލިސްޓު އެކުލަވަމުން ދާ ކަމަށް ކަމަށެވެ.
މާލޭގެ މަގުތަކުގައި އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު މައިދާނުތައް ކައުންސިލްގެ ރުހުން ނެތި، އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުޑަ ކޮމިޓީއަކުން އެ ބިންތައް ކުއްޔަށްދީ ތަރައްގީކުރަން އަމިއްލަ ފަރާތްތަކާ އެކު އެއްބަސްވަމުންދިޔަ ކަމަށާއި، އެ ކަން އޭސީސީ އާއި އެލްޖީއޭ އާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި 2021 އިން ފެށިގެން 2023 އަށް ފާހަގަކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ސައިފް ވިދާޅުވިއެވެ.
އިތުރަށް ސައިފް ވިދާޅުވީ، އޭނާ އިސްވެ ޖޫން 2023 ގައި ހުށަހަޅުއްވައި، މާލޭގެ ބިންތައް ކުއްޔަށް ދެވޭނީ ނުވަތަ ތަރައްގީކުރަން ނިންމޭނީ ކައުންސިލަށް ހުށަހަޅައި، ރަސްމީ އާންމު ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ ކައުންސިލަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ކައުންސިލްގެ ހިންގާ ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އެ ނުކުތާއަށް ރިއާޔަތްކުރުމެއް ނެތި، ނުއަގުގައި މާލޭގެ ބިންތައް ދިގު މުއްދަތަކަށް އާޒިމް ދޫކުރައްވަމުން ދާ ކަމަށް ސައިފް ތުހުމަތުކުރެއްވިއެވެ.
"މަނިކުފާނު މޭޔަރުކަމަށް ވަޑައިގަތްތާ 553 ދުވަސް ވީއެވެ. އޮޅުންބޮޅުންކަން ބޮޑުވަމުން ކަމަށް ވިދާޅުވެ، ގާނޫނުގައި ބުނާ ހަމައިން ބިމުގެ ދަފުތަރު އާންމު ނުކުރެއްވުނެވެ. އެކަމަކު ގަވާއިދުން ބިންތައް ހަވާލުކުރައްވަމުން ވަޑައިގެންނެވެއެވެ." އެ ސިޓީގައި ސައިފް ވިދާޅުވެފައިވެއެވެ.
ސައިފްގެ ސިޓީ އާ ގުޅިގެން އާޒިމްގެ ބަހެއް ހޯދުމުން "ސަން"އިން ގުޅުމުން ބަހެއް ލިބޭގޮތެއް ނުވިއެވެ.

މާލޭ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު: އޭނާ ވަނީ އާޒިމް ވެސް ނުއަގުގައި ބިން ދޫކުރައްވާ ކަމަށް ތުހުމަތުކުރައްވައިފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތަފުސީލުތައް އާންމުނުކުރާތާ 15 އަހަރު ވެއްޖެ ކަމަށާއި، އޭނާގެ މޭޔަރުކަމުގެ ދެ އަހަރު ދުވަހުގެ މުއްދަތުގައި ބިންތަކުގެ ތަފުސީލުތައް އާންމުކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރު ޖަނަވަރީ މަހުގެ 22ގައި މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވީ، ލިސްޓުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި ލިސްޓު ހާމަކުރާއިރު އެއްވެސް ކުށެއް ނެތްކަން ޔަގީންކުރަން ބޭނުންވާ ކަމަށެވެ.
"ގާތްގަނޑަކަށް ހަމަ ނިމިފަ މިހާރު ލިސްޓު އޮތީ، އެ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެ ނިމިފަ އޮތްކަން ވެސް، އެނގިވަޑައިގެން ހުރެ އެކަން އެ ކުރައްވަނީ،" ސީދާ ސައިފްގެ ނަން ނުގެންނަވައި އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގެ ބިންތައް ދޫކުރަން ކައުންސިލުން ނިންމިއިރު ސައިފް ވެސް ވޯޓު ދެއްވި ކަމަށެވެ.
އެ ވާހަކައަށް އެކްސްގައި ރައްދު ދެއްވައި ސައިފް ވިދާޅުވީ "ނުއަގުގައި ކައުންސިލުން ބިންތައް ދޫކުރަން" އޭނާ ވޯޓު ދެއްވާފައި ނޯންނާނެ ކަމަށެވެ.
"ޖަލްސާތަކުގެ އެޖެންޑާ ހުންނާނެ ފެންނަން. ޖަލްސާތައް ލައިވްކުރޭ. ޔައުމިއްޔާ ހުންނާނެ. އެބިންތައް ދޫކުރަން ވޯޓެއް ނެގިނަމަ ދިން ނަމަ އޮންނާނެ ފެންނަން." އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގެން ވެސް ވަނީ، ސިޓީ ކައުންސިލްގެ ރެކޯޑުތައް ރަނގަޅަށް ބަލަހައްޓައިފައި ނެތް ކަމަށާއި ކައުންސިލްގެ ބިންތައް އެކި އުސޫލުތަކުގެ ދަށުން ދޫކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.