ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ މެންސް ޗެމްޕިއަންސް ލީގުގައި ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ވީސީ ބަލިކޮށް ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގައި ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.
މެޗު ފެށުނުއިރު ނޭޕާލުން ވަނީ ތަފާތު ދައްކާފައެވެ. ޒައިކް ވީސީއަށް އެއްވެސް ފުރުސަތެއް ނުދީ ނޭޕާލުން މި ސެޓު ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު ކާމިޔާބުކުރީ ޒައިކްއެވެ. މި ދެ ސެޓު އެޓީމުން ކާމިޔާބުކޮށްފައިވަނީ 25-18 އަދި 25-23 އިންނެވެ.

ޒައިކާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: މޫސާ ނަދީމް
ހަތަރުވަނަ ސެޓު 25-18އިން ނޭޕާލް ކާމިޔާބުކުރުމާއެކު ކޮންމެ ޓީމަކަށް ދެ ސެޓު ލިބުނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ނޭޕާލުން ކާމިޔާބުކުރީ 15-11 އިންނެވެ.
މުޅި މެޗުގައި ވެސް ނޭޕާލު ޓީމުގެ އެންމެ ބޮޑު ތަފާތަކަށް ފެނުނީ އެ ޓީމުގައި ހިމެނޭ ޕާކިސްތާން ގައުމީ ޓީމުގެ ތިން ކުޅުންތެރިންގެ ގުޅުމެވެ. ވަކިން ޚާއްސަކޮށް ޖެހާން މުރާދުގެ ކުޅުން ފާހަގަކޮށްލެވެއެވެ.

ޒައިކާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: މޫސާ ނަދީމް
މި ނަތީޖާއާއެކު ނޭޕާލާއި ކިރްގިސްތާނު ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ދެ ޓީމު ވެސް އޮތީ ފައިނަލާ ވަރަށް ގާތުގައެވެ. ލީގުގެ ހުރިހާ މެޗެއް ނިމޭއިރު އެއްވަނަ އަދި ދެވަނަ ޓީމަށް ފައިނަލް ޔަގީންވާނެއެވެ.
މުބާރާތުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ބިޝްކެކްއެވެ.