މިއަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ އަންހެން ގައުމީ ޓީމުތައް ވާދަކުރާ ކާވާ ނޭޝަންސް ކަޕުގެ މަސައްކަތް ވެސް ކުރާނީ ސަން ސިޔާމް މީޑިއާ ގްރޫޕާއެކު ކަމަށް ކާވާގެ ރައީސް އަދި ދިވެހި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލޭގައި ކުރިއަށްދިޔަ ކާވާ މެންސް ޗެމްޕިއަންސް ލީގުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރީ ސަން ސިޔާމް މީޑިއާއެވެ. މިއީ ސަން ސިޔާމް މީޑިއާގެ ތާރީޚުގައި ލައިވްކުރި ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ.
މާލޭގައި ނިމިދިޔަ ޗެމްޕިއަންސް ލީގުގެ މުބާރާތުގެ ފައިނަލް މެޗަށްފަހު ސަން ސިޔާމް މީޑިއާގެ މުވައްޒަފުންނާ ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ކާވާ ނޭޝަންސް ކަޕުގެ މަސައްކަތް ވެސް ކުރާނީ ސަން ސިޔާމް މީޑިއާއާ އެކުކަމަށެވެ.

ސަން ގްރޫޕާއެކު ކާވާގެ ރައީސް ލަތީފް--
ކާވާ ނޭޝަންސް ލީގުގައި ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރެއެވެ. އަދި ސެންޓްރަލް އޭޝިއާގެ ވަރުގަދަ ގައުމުތަކަކުން އަންހެން ގައުމީ ޓީމުތައް ވާދަކުރާނެއެވެ.
ކާވާ ވިމެންސް ނޭޝަންސް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 14އިން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތާއެކު މިއަހަރު ރާއްޖޭގައި އިތުރު ބައިނަލްއަޤްވާމީ ދެ މުބާރާތެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެއީ ބީޗު ވޮލީގެ ދެ މުބާރާތް ކަމަށްވާ ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގާއި ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގެވެ.