ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ކުރިއަށް އޮތް ފިލްމުގައި ބަތަލާ ފެންނާނީ އުމުރުން ހަގު މި ޖީލުގެ ޖެންޒީ އެކްޓަރަކާ އެކު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެއީ ކޮން އެކްޓަރެއްކަން ހާމަކޮށްފައި ނުވާއިރު ކަރީނާ އަލަށް ފަށަން ތައްޔާރުވަމުން އަންނަ އެ ފިލްމުގައި ފެންނަ އެކްޓަރަކީ ކަރީނާއަށްވުރެ އުމުރުން ބޮޑު ތަނުން ހަގު ވިހީގެ އަހަރުތައް ގުނަމުންދާ ތަރިއެއް ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.
އެ ފިލްމުގައި ކަރީނާ ފެންނާނީ ރޫހާނީ މީހެއްގެ ގޮތުގައި ކަމަށާއި މިއީ މިހާތަނަށް ބަތަލާ ކުޅެފައި ނުވާ ޖޯންރާއެއްގެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ ހުސެއިން ދަލާލް ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައަކަށް ޑައިރެކްޓަރު އަޔާން މުކަރުޖީ އުފައްދާ ފިލްމެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ކަރީނާ ކަޕޫރު ފިލްމު "ސިންގްހަމް"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
ކަރީނާ އުމުރަށްވުރެ އަހަރުތަކެއް ހަގު އެކްޓަރަކާ އެކު ފެންނާނެ އަޑުތަކެއް ފެތުރިފައިވާއިރު ދާދިފަހުން ރިލީޒްވި އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު"ގައި ރަންވީރާ އެކު އެކްޓަރަށް ވުރެ އެތައް އަހަރެއް ހަގު ބަތަލާ އަކު ހިމަނާފައިވާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ފިލްމު "ދުރަންދާރު"ގައި ރަންވީރާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ އެކްޓަރަށް ވުރެ 20 އަހަރު ހަގު ސާރާ އަރުޖުންއެވެ.
ބޮލީވުޑްގެ އެކްޓަރުންނާ އެކު އެ އެކްޓަރުންގެ އުމުރަށްވުރެ ހަގު ބަތަލާއިން ފެންނަ ވާހަކަ އަކީ މީގެކުރިން ވެސް ގިނަ ބައެއްގެ މެދުގައި ކުރެވިފައިވާ ބަހުސެކެވެ.
އޭގެތެރޭގައި އަޖޭ ދޭވްގަން، ސަލްމާން ޚާން އަދި އަކްޝޭ ކުމާރުގެ ފިލްމުތަކުން އުމުރުން ހަގު ބަތަލާއިން ފެންނަ ވާހަކަ ހިމެނެއެވެ. ބަތަލާ ކަރީނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.
ކަރީނާ އަލަށް ފަށަން ނިންމާފައިވާ ފިލްމުގެ އިތުރުން ބަތަލާ އަންނަނީ ޑައިރެކްޓަރު މޭގްނާ ގުލްޒާރު "ދައިރާ"ގެ ނަމުގައި އުފައްދާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.