ރާއްޖެއަށް މުދާ އިމްޕޯޓުކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރަން މިއަދު ނިންމައިފިއެވެ.
އެމްއެމްއޭގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި މި ހަފުތާއިން ފެށިގެން މި ބަދަލު ގެންނަން ނިންމާފައިވާއިރު, މި ބަދަލާ އެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ބޭރު ފައިސާ މާރުކުރާ ގަވާއިދަށް މިދިޔަ އަހަރު އެމްއެމްއޭއިން ގެނައި ބަދަލާ އެކު ވެސް އާއްމުންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. ޚާއްސަކޮށް މުދާ އެތެރެކުރަން ބްލެކް މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުން މުދަލުގެ އަގު ވަނީ ބޮޑުވާން ފަށައިފައެވެ. ބްލެކް މާކެޓުގައި މިހާރު ޑޮލަރެއް ލިބޭ އަގު އުޅެނީ 20 ރުފިޔާއިން މަތީގައެވެ.

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު -- ފޮޓޯ/ އަވަސް
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރަކަށް އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކުގައި ޑޮލަރު މާރުކުރަން ޖެހޭއިރު, މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިންސައްތައިން 90 އިންސައްތައަށް ވަނީ މަތިކޮށްފައެވެ.
އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ބޭންކުތަކުން އިތުރަށް މާރުކުރަން ފަށާފައިވާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ދަނީ ވިއްކަމުން ކަމަށެވެ.
"މި ބަދަލު ގެނައުމުގެ މައިގަނޑު މަޤުސަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން," އެމްއެމްއޭގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ބޭންކުތަކަށް އަނބުރާ ވިއްކާ 30 އިންސައްތަ ބޭރު ފައިސާ ބޭނުންކުރާނީ ވަކި ކަންކަމެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރުމަށެވެ. އަދި، މި އަދަދުގެ ބޮޑު ޕަސެންޓެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާ އެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގައެވެ. ނަމަވެސް، މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް އެ ބޭންކުން ބުނެއެވެ.