ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އެއްކޮށް ނިންމަން ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ހަންބޯ ކުންފުނިން ކުރަމުން އަންނަ ކަމަށާއި ފައިސާ ހަމަޖެހޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފުލެޓުތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފިއެވެ.
ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައްސަލައިގެ ބައެއް މައުލޫމާތުތައް ހޯދަން 'ސަން'އިން އެދުމުން އެޗްޑީސީން މިއަދު ފޮނުވި ޖަވާބުގައި ބުނީ، އެ މަޝްރޫއު ނިންމަން ހަންބޯ ކުންފުންޏާ އެކު އެޗްޑީސީގެ މެނޭޖްމަންޓުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން، މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމަން ބޭނުންވާ ފައިސާ ހަމަޖެހޭތާ ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ވެސް ހަންބޯ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ކުންފުންޏާ ހަވާލާދީ އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން، ކޭޕާކްގެ ފުލެޓުތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި މައްސަލަ ހައްލުކުރަން ވެސް ޑަބަލް ސޭލްސްއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ ކުންފުނިން ދިން ޖަވާބުގައި ބުންޏެވެ.
އެކަމަކު، އެ ޚިޔާނާތާ ގުޅިގެން ގެއްލުންވި މީހުންގެ އަދަދެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ. އެ ކުންފުނިން ބުނީ، އެއީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށްވާތީ އެޗްޑީސީއަށް އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ ހަސަން މަމްދޫހު (މަންޑޭ)އަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި ދިވެހި މީހާއެވެ.
އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ.
މިދިޔަ އަހަރުގެ ޖުލައި 30 ގައި ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަލައިގައި ޝަރީއަތް ވަނީ ފަށައިފައެވެ.
އެ މައްސަލައިގައި ޖޫން 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް އަމުރުކޮށްފައެވެ. އެކަމަކު، އޭގެ 10 ދުވަސް ފަހުން މި މަހު 23 ވަނަ ދުވަހު ހަމަ އެ ކޯޓުން ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ދޫކޮށްލައިފައެވެ.
ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.
ތަހުގީގުގެ ތެރެއިން ބެލިއިރު އޭރު އެ ޕެންޓްހައުސްގެ އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަންޑޭ ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ އެ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފައެވެ.
ކޭޕާކުން ފުލެޓު ގަނެގެން ތިބި މީހުން އަންނަނީ އެ މައްސަލައަށް އެކަށިގެންވާ ހައްލެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.