ބަލި މީހުންނަށް މަރުހަބާ ކިޔައި، މަގު ދައްކަން 55 މުވައްޒަފުން ހޯދަނީ

އައިޖީއެމްއެޗްއިން ބަޔަކު ނުކުންނަނީ: ބަލި މީހުންނަށް މަރުހަބާ ކިޔައި، މަގުދައްކަން މުވައްޒަފުންތަކެއް ހޯދަން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ/ މާނިއު މުހައްމަދު

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއަށް ޚިދުމަތް ހޯދަން އަންނަ ބަލި މީހުންނަށް މަރުހަބާ ކިޔައި އެހީތެރިވުމަށް, "ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ"ގެ މަގާމަށް 55 މީހުން ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

މައި ހޮސްޕިޓަލް, އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ 55 މީހުން ހޯދަނީ ދަރުމަވަންތަ ހޮސްޕިޓަލާއި, އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސަސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަން ކަމަށެވެ.

އެ ވަޒީފާގެ މަސްއޫލިއްޔަތުތައް:

  • ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް މަރުހަބާ ކިޔައި, މަގު ދެއްކުން
  • ބަލި މީހުންނަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުން
  • ޚިދުމަތް ހޯދަން އަންނަ މީހުންނަށް މައުލޫމާތު ދިނުން
  • މީހުންގެ ހިޔާލު ހޯދައި ތަޖުރިބާތައް މޮނީޓާ ކުރުން
  • އޯގާތެރިކަމާއެކު ޚިދުމަތް ދިނުން

މި މަގާމުގެ ޝަރުތަކީ ގްރޭޑް 10 އެއް ނިންމައިފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމުމާއެކު ގުޅޭ ދާއިރާއިން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި ވަޒީފާއަށް ހޮވާ މީހުންނަށް ދޭ މުސާރައިގެ އެއްވެސް ތަފުސީލެއް އިއުލާނުގައި ހިމަނާފައެއްނުވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އަންގާރަ ދުވަހެވެ.

މާލޭ ހޮސްޕިޓަލްތަކާ ގުޅޭގޮތުން އާއްމުން ކުރާ ޝަކުވާއަކީ ޒަމާންވީ މައްސަލައެކެވެ. އެންމެ ގިނަ މީހުންގެ ކަންބޮޑުވުމަކީ އެކަށީގެންވާ ފަރުވާ ނުލިބުމެވެ. ކުދިކުދި ކަންކަމުގައި ވެސް ރާއްޖޭން ބޭރަށް ދާން ޖެހޭ ޖެހުމެވެ. އަދި، ސަރުކާރު ހޮސްޕިޓަލަކުން އެޕޮއިންޓްމަންޓަކަށް އެދޭތާ އެތައް ދުވަހެއްވާއިރު ވެސް ޚިދުމަތް ނުލިބޭ މައްސަލައެވެ.

comment ކޮމެންޓް