ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ކަން ހިނގާދިޔަގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އާއިލާގެ ފަރާތުން މިއަދު އެދިއްޖެއެވެ.
ރައީސް މުއިއްޒު މިވަގުތު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހޮޅުދޫއަށް ޒިޔާރާތްކުރެއްވިއިރު، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ ވަނީ ވަކިން ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި ޒަކިއްޔާގެ އާއިލާގެ މީހުން ވެސް ހިމެނެއެވެ.
ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ މީހުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި، ޒަކިއްޔާގެ ބޭބެއެއް ކަމަށްވާ ހަސަން ވަހީދު "ސަން"އަށް ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އާއިލާއިން ފާޅުކުރާ ކަންބޮޑުވުންތައް ސަރުކާރުން އަޑުނާހާ ކަމާއި، އެ މައްސަލައާ ގުޅިގެން އެތައް ސުވާލެއް އުފެދިފައިވާއިރު ކަމާ ގުޅޭ އިދާރާއަކުން ޖަވާބެއް ލިބިފައިނުވާކަން ރައީސާ ހިއްސާކުރި ކަމަށެވެ.
"އަޅުގަނޑުމެން އެދުނީ ފުރިހަމަ ތަހުގީގެއް ކޮށްދެއްވަން، އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޒަކިއްޔާއަކީ އަމިއްލައަށް މަރުވި މީހެއް ކަމަކަށް. އެއީ އަދި އަދަށް ދާންދެން ވެސް މީހަކު ހައްޔަރުކުރީއެއް ނޫނޭ، މުޖުތަމައުގައި އެ މީހަކު ވާނެއޭ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ،" އޭނާ ބުންޏެވެ.
މީގެ އިތުރުން ޒަކިއްޔާއަށް އިންސާފު ހޯދައި ދިނުމަށް އެދި ގޮވާލައި މުޒާހަރާ ކުރުމުން ބައެއް މީހުން ހައްޔަރުކޮށް، މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފައިވާތީ އެކަމާ ގުޅުންހުރި ކަންބޮޑުވުން ވެސް ހިއްސާކުރި ކަމަށް ހަސަން ވަހީދު ބުންޏެވެ.
ރައީސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެއްލެވުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޝުއޫރު ފާޅުކުރި ރައްޔިތުންނާއި ޒަކިއްޔާގެ އާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ --
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހެވެ.
މި ނިމުނު ރޯދަމަހު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފުލުހުންގެ އިސްވެރިންގެ ޓީމެއް ހޮޅުދުއަށް ގޮސްފައިވެއެވެ. އެ ކަމަށް އިޝާރާތްކޮށް އާއިލާއިން ބުނީ އެ ދަތުރުގައި ފުލުހުން އާއިލާއާ ބައްދަލުކުރި ކަމަށެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރާއެކު، ދެން ޝައްކު އުފެދޭ އެންމެހާ މަރުތަކުގައި އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އާއިލާއިން އޭރު ބުންޏެވެ.
އެކަމަކު އެއީ ކުރިން ވެސް އޮތް އުސޫލެއް ކަމަށާއި، މިދިޔަ އަހަރު ނެރުނު ނެޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސަސް އިން މޯލްޑިވްސް" ގައި އެ ކަން ލިޔެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ، އެ އުސޫލު ކުރިން ވެސް އޮއްވައި، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އޮޓޮޕްސީ ނުހެދީ ގަސްތުގައި، ހެކި ނައްތައިލައި ކަންކަން ފޮރުވަން ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިން --- ފޮޓޯ/ އަރީޝާ، ފޭސްބުކް
މި މައްސަަލައިގައި އެމެރިކާގެ އެފްބީއައި ވެސް ބައިވެރިކުރިއެވެ. ނަމަވެސް ތަހުގީގުތަކުގެ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދައިފައެވެ. އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މީގެ ކުރިން އިހުސާން ވިދާޅުވީ، ގިނަ އަދަދެއްގެ އޮޓޯޕްސީތައް ހަދާފައިވާ ބޭރުގެ ޑޮކްޓަރަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް، އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.
އޭނާއަށް ވީ ގޮތް އިތުރަށް ދެނެގަންނަން، ހަށިގަނޑު އަލުން ނަގައިގެން އޮޓޮޕްސީއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރަން އެދިފައިވާނެކަމަށް ވެސް ޒަކިއްޔާގެ އާއިލާއިން ވަނީ ބުނެފައެވެ.
އެ ހާދިސާއާ ގުޅިގެން ހޮޅުދޫގައި މީގެ ކުރިން އެކި ފަހަރުމަތިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.