އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ވީއައިއޭގެ އާ ޓާމިނަލް: އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހު ބާއްވާ ރަސްމިއްޔާތުގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި އެ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ 19:00އިން ފެށިގެން 23:30 އަށް އެއާޕޯޓަށް ވަދެ، ނުކުތުމުގައި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އެ ބަދަލުތަކާއެކު އެއާޕޯޓަށް ވަންނަ މަގާއި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ އުޅަނދުތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ވަގުތުތަކުގައި ޓެކްސީއާއި އަމިއްލަ އުޅަނދުތަކަށް ޕޮލިސް ޕޯސްޓާ ހަމައަށް އަދި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް ދެވޭނެ ކަމަށާއި ޓާމިނަލް ސަރަހައްދަށް ދިޔުމަށް އެމްއޭސީއެލްގެ އުޅަނދުތައް ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ބަދަލާއެކު ވެސް ފެރީ އަދި ބަހުގެ ޚިދުމަތް މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލެއިން ހުޅުލެއަށް ދާ މީހުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުލަގަދަ ރަސްމިއްޔާތަކާ އެކު، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހާ ގުޅުވައި މި މަހުގެ 26ވަނަ ދުވަހެވެ.

ވީއައިއޭގެ އާ ޓާމިނަލް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ.

އެއަށްފަހު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެ މަޝްރޫއަށް އިތުރު ފައިސާ ވަނީ ހަމަޖައްސައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

comment ކޮމެންޓް