ވ. އަތޮޅަށް ފަތުރުވެރިކަން ގެންގޮސްދިން ބޯޓު ފަރުން ނެއްޓި، އޮޔާދަނީ

ވ.ގެ ޝިޕްރެކް: ވ. އަތޮޅަށް ފަތުރުވެރިކަން ގެންގޮސްދިން ބޯޓު ފަރުން ނެއްޓި، އޮޔާދާ ކަމަށް އެމްއެންޑީއެފުން ބުނި -- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

ވ. އަތޮޅު ކެޔޮދޫ ކައިރީގައި ފެތިފައި އޮންނަ މަޝްހޫރު ބޯޓު ފަރުން ނެއްޓި، އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

ވ. އަތޮޅުގެ 'ޝިޕްރެކް'އަކީ ގިނަ އަދަދެއްގެ ދިވެހީންނާއި ކައިރީގައި އޮންނަ ރިސޯޓުތަކުން ފަތުރުވެރިން ބަލައިލުމަށް ދާ ބޯޓެކެވެ.

އެމްއެންޑީއެފުން މިރޭ ވަނީ، އެ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ސިފައިން ބުނީ އެ ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާއިރު، ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އެ މުއައްސަސާއިން އެދިފައިވެއެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން, ކެޔޮދޫ ކައިރިން އެންމެ ފުރަތަމަ މި ބޯޓު ފެނުނީ ފެލިދޫގެ ދެ މަސްވެރިއަކަށެވެ. އޭރު އެ ބޯޓު ސަލާމަތްކުރަން އުޅުނު ނަމަވެސް އޮޔާގެންދިޔުމަށް ފަހު ބޯޓު ކަނޑުވީ މިހާރު އޮތް ސަރަހައްދަށެވެ.

ވ. އަތޮޅަކީ ގިނަ އަދަދަކަށް ގެސްޓްހައުސްތައް ހިންގާ އަތޮޅަކަށްވާއިރު، މި އަހަރުގެ ކުރީކޮޅު ބައެއް މީހުން ވަނީ މި ބޯޓު ބަންޑުންޖަހާލައި، ގެއްލުންތައް ލިބެމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް