އޮސްޓްރޭލިއާގެ ކުންފުންޏަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަން ކެމްޕޭނެއް ފަށައިފި

ފަތުރުވެރިންތަކެއް ރާއްޖޭގައި: އޮސްޓްރޭލިއާގެ ކުންފުންޏަކާއެކު ރާއްޖެ އިޝްތިހާރުކުރަން ކެމްޕޭނެއް ވަނީ ފަށައިފައި -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

ވިޒިޓް މޯލްޑިވްސްއިން އޮސްޓްރޭލިއާގެ މަޝްހޫރު ޑެސްޓިނޭޝަން މާކެޓިން އެންޑް ޓްރެވަލް ޑިސްޓްރިބިއުޝަން ކުންފުންޏެއް ކަމަށްވާ އިގްނައިޓް ޓްރެވަލް ގްރޫޕް (އައިޓީޖީ) އާ ގުޅިގެން އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަން ކެމްޕޭނެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ، އޮސްޓްރޭލިއާގައި އެންމެ މަޝްހޫރު މަންޒިލަށް ރާއްޖެ ހެދުމަށް ޓަކައި މިހާރު ފަށަފައިވާ ކެމްޕޭން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

އެ ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފެންނަ މީހުންގެ އަދަދު އިތުރުކޮށް، އޮސްޓްރޭލިއާގެ މާކެޓް ފުޅާ ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މަގުސަދަކީ، އިގްނައިޓް ޓްރެވެލް ގުރޫޕުގެ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ ފަތުރުވެރިކަން ދައްކުވައިދިނުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

މީގެ އިތުރުން، ފްލައިޓް ސެންޓަރާއި މައި ހޮލިޑޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް، އޮސްޓްރޭލިއާގެ ޕްރީމިއަމް ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިޝްތިހާރުކުރުމަށް އިގްނައިޓް ޓްރެވަލް ގުރޫޕުން އެހީތެރިވެދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ އޮސްޓްރޭލިއާގެ ކުންފުންޏަކާއެކު ރާއްޖެ އިޝްތިހާރުކުރަން ކެމްޕޭނެއް ފަށައިފައި --

އެ ކެމްޕެއިންގައި އޮސްޓްރޭލިއާގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައިއާއި ޑިޖިޓަލް ޑިސްޕްލޭ މެދުވެރިކޮށް ރާއްޖެ ދައްކުވައިދޭނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކެމްޕެއިންގެ އަމާޒަކީ ރާއްޖެއަށް ފަތުރުވެރިން މަދުން އަންނަ ލޯ ސީޒަންގެ ތެރޭގައި އޮސްޓްރޭލިއާއިން އަންނަ މީހުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި ކުރާ ޚަރަދުތައް އިތުރުކުރުމަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކެމްޕޭނަކީ ލޯބިވެރިންނާއި ލަގްޒަރީ ތަޖުރިބާތައް ހޯދާ އާއިލާތައް ފަދަ މުހިންމު ކަސްޓަމަރުންގެ ސެގްމެންޓްތަކަށް ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ކެމްޕޭނެއް ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން 23،198 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

comment ކޮމެންޓް