ޗުއްޓީތެރޭ ސަމާލުވާންވީ ކަންކަމާއި ސްކޭމަށް އަހުލުވެރިކުރަން ފުލުހުން އަނެއްކާ ވެސް މަގުމައްޗަށް

ޗުއްޓީތެރޭ ސަމާލުވާންވީ ކަންކަމާއި ސްކޭމަށް އަހުލުވެރިކުރަން ފުލުހުން ފެށި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ފުލުހުން

ކުރިއަށް އޮތް ޖުލައި 26 ޗުއްޓީގައި ދަތުރުކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާއި ސްކޭމްއަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް ފުލުހުން އަނެއްކާ ވެސް ހުޅުމާލެ މަގުތަކަށް ނުކުމެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލުހުން ވަނީ، އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުން އަހުލުވެރިކުރުމަށް މަގުތަކަށް ނުކުމެފައެވެ. މިއަދު 01:00ގައި ފެށި މި ހަރަކާތުގައި ވެސް އަޑުގަދަކުރާ ބޭނުންކޮށްގެން އިލްތިމާސްތައް ރައްޔިތުންނަށް އަޑު އިއްވައެވެ.

https://sun.mv/208707

އަދި އެކި ބޯޑުތައް ބޭނުންކޮށްގެން ސަމާލުވާންވީ ކަންކަން ބުނެދޭއިރު، ސްކޭމުން ރައްކާތެރިވުމަށް ރައްޔިތުންނަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ.

ޗުއްޓީތެރޭ ސަމާލުވާންވީ ކަންކަމާއި ސްކޭމަށް އަހުލުވެރިކުރަން ފުލުހުން ފެށި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ފުލުހުން

"އަހަރެމެން ހަމަ އެކަމަށް އެދޭ ފަރާތްކަށް ޓޫފެކްޓާ އޯތެންޓިކޭޝަން ހަދައިދީ، ޖީމެއިލް ކޮމްޕްރޮމައިޒް ނުވާގޮތަށް ވަރުގަދަކޮށްދީ އެކަހަލަ ކަންކަން ވެސް މަގުމަތީގައި ގެންދާ މި ހަރަކާތުގައި ކުރާނަން،" ހުޅުމާލެ ނެއިބަހުޑް ޕޮލިސްގެ ފަރާތުން "ސަން"އާ ވާހަކަދެއްކި ފުލުހަކު ބުންޏެވެ.

ފުލުހުން ބޯޑުތައް ހިފައިގެން މަގުމައްޗަށް ނުކުމެފައި ވާއިރު، މި ބޯޑުތަކުގައި "ޑޮލަރު ގަތުމުގައި ސަމާލުވޭ"، "އޮންލައިން ވިޔަފާރިތަކަށް ސަމާލުވޭ"، އަދި "ކޭޝް ކާޑުން އެހެން މީހުންގެ ފައިސާ ނަގައިނުދީ" މިފަދަ ލިޔުންތައް ލިޔެފައި ވެއެވެ.

މިއަދު އާންމުން ހޭލުންތެރިކުރާނެ ކަންކަމުގެ ތެރޭގައި:

  • ސްކޭމުން ރައްކާތެރިވުން
  • ސްކޭމުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް
  • ސްކޭމްކުރަން ބޭނުންކުރާ އުކުޅުތައް
  • ޗުއްޓީގައި ރަށުން ބޭރަށްދާއިރު ސަމަލުކަން ދޭންވީ ކަންކަން
  • މޫސުން ގޯސްއިރު ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން
  • ރާއްޖޭން ބޭރަށް ދަތުރުކުރާއިރު، ޑޮލަރު ގަތުމުގައި ވިސްނަންޖެހޭ ކަންކަން

ޗުއްޓީތެރޭ ސަމާލުވާންވީ ކަންކަމާއި ސްކޭމަށް އަހުލުވެރިކުރަން ފުލުހުން ފެށި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ފުލުހުން

މިމަހުގެ 24ވަނަ ދުވަހު މިނިވަން ދުވަހަށް ސަރުކާރު ބަންދުކުރާއިރު، އެދުވަހާ ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ހުޅުމާލެ ނެއިބަހުޑް ޕޮލިހުން ބުންޏެވެ.

މިއީ މުޖުތަމައުގައި ހިނގާ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ހުޅުމާލެ ނެއިބަހުޑުން އިސްނަގައިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކެކެވެ.

comment ކޮމެންޓް