ނިއުމާތުގެ މަގާމުގެ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިޢުމާތު ޝަފީގް: މިއަދު ރައީސް ވަނީ ނިއުމާތުގެ މަގާމުގެ މުއްދަތަށް ފަސް އަހަރު އިތުރުކޮށްދެއްވައިފަ -- ފޮޓޯ/ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީސް

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިތުރުކޮށްދެއްވައިފިއެވެ.

ނިއުމާތުގެ ދައުރު އިތުރުކުރުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި، މެމްބަރުން ވަނީ ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ފެންނަ ކަމަށް ފާސްކުރައްވައިފައެވެ. އެގޮތުން އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުން ނިންމީ، އޭނާގެ ދައުރު އިތުރުކުރުމަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ނިއުމާތުގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް ރައީސް މިއަދު އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ނޮވެމްބަރު 20، 2019ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113ވަނަ މާއްދާގެ ދަށުން އުފެއްދި މަގާމެކެވެ. އެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ ޖުލައި 23، 2020ގައެވެ.

އެންމެ ފުރަތަމަ އޮތީ މިއަދު އޭނާގެ ދައުރު ހަމަވާ ގޮތަށެވެ. ނަމަވެސް ދެން އޭނާގެ ދައުރު ހަމަވާނީ ޖުލައި 23، 2030ގައެވެ.

ނިއުމާތު ވަނީ 1985ވަނަ އަހަރު ޕްރީ-ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައި، އޭގެ ފަހުން އެތައް އަހަރެއް ވަންދެން ޕްރީ ސްކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2010ވަނަ އަހަރު އާލީ ޗައިލްޑްހޫޑްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވިއެވެ. 2013ވަނަ އަހަރު ހަމަ އެ ދާއިރާއިން ނިއުމާތު ވަނީ މާސްޓާސް ހާސިލްކުރައްވާފައެވެ.

އޭނާ ވަނީ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޕްރޮގްރާމް ގާއިމުކޮށް، 19 އަތޮޅެއްގައި ސެންޓަރުތައް ގާއިމުކޮށް، ޓިޗަރުން ތަމުރީނު ކުރުމާއި ބެލެނިވެރިން އަހުލުވެރިކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ނިއުމާތަކީ ކުޑަކުދިންނަށް ފޮތް ލިޔުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒުކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރާ ފަރާތެކެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރުމަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތެކެވެ.

comment ކޮމެންޓް