ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ބައި ދަނޑިއަށް ދިދަ ތިރިކުރަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޙަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަމަޖައްސަވައިފިއެވެ.

އުމުރުން 74 އަހަރުގައި ސޯބިރު މިއަދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްވީ ފަހުން، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ، ސޯބިރު އަވަހާރަވުމާ ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރައްވަން ރައީސް ހަމަޖައްސަވާފައިވާ ކަމަށާއި، ސޯބިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ. ސޯބިރުގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭނާއަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ވެސް އިއްޔެ އަރުވައިފައެވެ.

ސަރުކާރަށް 25 އަހަރު ޚިދުމަތް ކުރެއްވި ސޯބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998އިން 2004އަށެވެ. އޭގެ ކުރިން 1991ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، 1999އިން 2004އަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރެއްވިއެވެ. އެއަށްފަހު ޚާރިޖީ ދާއިރާގައި އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރެއްވިއެވެ.

ސޯބިރު، އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ހައިކޮމިޝަނަރުކަން ކުރެއްވިއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި އދ.ގައި ވެސް ރާއްޖެ ތަމްސީލުކުރެއްވިއެވެ. އޭނާ 2007އިން ފެށިގެން ސިންގަޕޫގެ ސަފީރުކަން ކުރެއްވިއިރު، އީޔޫއާއި ބެލްޖިއަމްގެ ސަފީކުރަން ކުރެއްވިއެވެ. ސޯބިރު އެންމެ ފަހުން ހުންނެވީ، ރައީސް ޞާލިޙްގެ ވެރިކަމުގައި ޖަޕާނުގެ ސަފީރަކަށެވެ.

ސޯބިރު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.

comment ކޮމެންޓް