މާލޭގެ މަގުތަކުގައި ދިރިއުޅޭ ބުޅާތަކުގެ އުނދަގޫ ބޮޑުވެ، ބަޔަކު ބުޅާތަކަށް ގޯނާ ކުރާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އޮޅުހިޔާއަށް އިތުރު ބުޅާތަކެއް ވައްދަން ފަށާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި، މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ވުޒާރާއިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެވެ.
- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށެވެ. މިގޮތުން، ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މި ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
އޮޅުހިޔާ ފެސިލިޓީއާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހަވާލުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހެވެ.
އެ ދުވަހު 15 ބުޅާ ފެސިލިޓީއަށް ވައްދާފައިވެއެވެ. އޭގެ ފަހުން ވެސް ފެސިލިޓީއަށް ބުޅާ ނުގެންދެވި ގިނަ ދުވަސްތަކެއް ފާއިތުވާން ފެށުމުން އާންމުންގެ ކަންބޮޑުވުން އިތުރުވެ، ވުޒާރާއާ މެދު ފާޑުކިއުންތައް އިތުރުވިއެވެ. އޭގެ ފަހުން އޭޕްރީލް މަހު އިތުރު 30 ބުޅާ ވަނީ ފެސިލިޓީއަށް ގެންގޮސްފައެވެ.

އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންދަނީ --- ފޮޓޯ/ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ
ބުޅާ ފެސިލިޓީއަށް އިތުރު ބުޅާތައް ނުގެންދެވި ގިނަ ދުވަސް ވަމުންދާއިރު، އާންމުންގެ ތެރޭގައި ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ބުޅަލުގެ ނަޖިހުން މާލޭގެ މަގުތައް ތަޢައްޔަރުވުމުގެ ޝަކުވާތައް އިތުރުވެ، އެކަމުގައި ޒިންމާ ނަގާނެ ފަރާތެއްނެތް ކަމުގެ ކަންބޮޑުވުން ބޮޑެވެ.
އޭގެ ފަހުން މާލޭގެ މަގުތަކުން ބުޅާތައް ވީނުވީއެއް ނޭނގި ގެެއްލޭކަމުގެ ޝަކުވާ މިދިޔަ މަހު ސޯޝަލް މީޑިއާގައި އިތުރުވިއެވެ. އެހެންވެ، ވުޒާރާއިން ވަނީ އެ މައްސަލަ ބަލައި ދިނުމަށް ޖޫން 23 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.