ފުލުހުންގެ ފަސް އޮފިސަރަކު ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ، ހައިކޯޓުން މައްސަލަ ބާތިލުކޮށްފިއެވެ.
ހައިކޯޓުގައި މި މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، މައްސަލަ މިއަދު ބާތިލު ކުރީ، މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. މައްސަލަ މިއަދު ބާތިލު ކުރިއިރު، ސިވިލް ކޯޓުގެ ނިންމުމަށް އަމަލު ނުކުރަން ހައިކޯޓުން ކުރިން އޮތީ އަމުރުވެސްކޮށްފައެވެ. މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ ގައުމީ ސަލާމަތަށް ބަލައި، އާއްމުކޮށް ހުޅުވައިނުލައެވެ.
މި މައްސަލައިގައި ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި، އިސްތިއުނާފަށް ކުރާ އަސަރުގެ ގޮތުގައި ގިނަ ކަންކަން ފާހަގަކޮށްފައި ހުއްޓެވެ. މި ގޮތުން، އިސްތިއުނާފުގެ ނަޒާހަތްތެރިކަމަށް ބުރޫ އެރުމާއި، އިސްތިއުނާފުގެ ސްޓޭންޑް ސާފު ނުވުމާއި ކޯޓުގެ ވަސީލަތްތައް ހެޔޮތުގައި ބޭނުން ނުކުރެވި ދިޔުމުގެ އިތުރުން ޝަރުއީ ނިންމުންތަކުގެ އިތުބާރު ގެއްލި، އިހުތިރާމް ކުޑަވާނެކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ބާތިލުކުރަން ނިންމެވީ ހަސަން ޝަފީއުއާއި އަބްދުލްމާނިއު ހުސެއިންގެ އަގުލަބިއްޔަތުންނެވެ. މި މައްސަލައިގެ ބެންޗުގައި ދެން ހިމެނޭ މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔަކީ، މައްސަލައާމެދު ގޮތެއް ނިންމަން ޖެހޭކަމަށް ވިދާޅުވެ ދެއްވި ރައުޔެކެވެ. އެކަމަކު ފަނޑިޔާރު ޝަނީޒުވެސްވަނީ ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް ވިދާޅުވެފައެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. އެކަމާ ގުޅިގެން މި މައްސަލައިގައި ހިމެނޭ ފަސް އޮފިސަރުންގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ނިޔާގެ ކަނޑައަޅާފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހެވެ. ސިވިލްކޯޓުގެ ހުކުމާ ގުޅިގެން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމީ ހަތް އޮފިސަރެކެވެ. އެއީ:
1- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
2- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
3- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު
4- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
5- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
6- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
7- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
އޭގެ ތެރެއިން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބައިވެރިނުވަނީ ފަރުހާދު ފިކުރީ އާއި އަހްމަދު ޝުހާދެވެ.
ފަސް އޮފިސަރުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, އެބޭފުޅުން މަގާމުން ވަކިކުރަން ނިންމިއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައި ނުވާ ކަމަށެވެ. އެ ފަހަރު ބޭއްވި ސިއްރު އަޑުއެހުންތަކަށް ފަހު ސިވިލް ކޯޓުން އޭރު ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ, ދައުވާކުރި ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން އޮފިސަރުން ވަކިކޮށް ބައެއް އޮފިސަރުން ވަކިކުރުމަށް ދީފައިވާ ނޯޓިސްއަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ނ. އާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އެ ނިންމުން ބާތިލް ކުރުމަށް ސިވިލްކޯޓުގެ ފަނޑިޔާރު އަލީ އަބްދުالله ކޮށްފައިވާ ޙުކުމުގައި ވަނީ އަންގަވައިފައެވެ.