އިންޑިއާއަކީ ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފި: ޝާހިދު

އިންޑިއާއަކީ ރާއްޖެއަށް އިޚުލާސްތެރި، ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފިކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ އޭއެންއައި ނިއުސް އަދި ވިއޯން ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަވައްޓެރި ގައުމުތަކަށް ރަނގަޅަކަށް މަސައްކަތްކުރާ ގައުމެއް ކަމަށެވެ. އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ދިވެހި ސަރުކާރުން ގަބޫލުކުރާކަން ހާމަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިންޑިއާއަކީ ހަގީގީ ރަހުމަތްތެރިއެއްކަން ދިވެހި ސަރުކާރުން މިހާރު ގަބޫލުކޮށްފިކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ދާނެ ދަތުރުފުޅަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިއީ އާ ފެށުމަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެފަދައިން ވާހަކަދެއްކެވުމަށްފަހު ޝާޙިދު ވަނީ ސަރުކާރަށް ވެސް ރައްދު ދެއްވައިފައެވެ. އެގޮތުން ގައުމުތަކާއެކު ރަހުމަތްތެރިކަން ބޭއްވޭނީ، ވަގުތީ ސިޔާސީ ބޭނުމަށް އަވައްޓެރި ގައުމުތަކާ ޖެހިގަތުން ހުއްޓާލައިގެންކަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ގަބޫލުކުރަންވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަބަބަކީ ގައުމުތަކާއެކު މަސައްކަތްކުރެވޭނީ އިޚުލާސްތެރިކަމާއެކު ގުޅުން ބާއްވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ވިއޯންއަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އެހީވަނީ ރާއްޖޭގެ ސަރުކާރުގައި އޮންނަ ޕާޓީގެ ކުލައަށް ބަލައިގެން ނޫންކަމަށާއި، ހުއްޓުމެއް ނެތި ތަރައްގީއަށް އެހީވަނީ ދިވެހިންނާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ނިންމައި، ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އަޅުގަނޑުމެންގެ އަވައްޓެރިންގެ ގޮތުގައި މިއޮތީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސޯދު, އިންޑިއާގެ އިގްތިސޯދަށް އަންނަ ކުރިއެރުމުގެ ފައިދާ އަޅުގަނޑުމެންނަށް ހޯދެން ޖެހޭނެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި މިއަދުގެ ސަރުކާރުގައި ތިބި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ބޮޑުތަނުން ހީނަރުވެގެން ދިޔަކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްވެރިންނާ އެކު މޯދީ: ރާއްޖެ ވަޑައިގެން އެ ޕާޓީގެ ލީޑާޝިޕާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައި -- ފޮޓޯ/ އިންޑިއާ

'ސަން'އަށް އެނގިފައިވާ ގޮތުގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވާ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ. އެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ވެސް ބައްދަލުކުރައްވަން އެދިވަޑައިގަތެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ޞާލިޙް ސިއްހީ ކަމެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުން ބައްދަލެއްނުކުރެއްވެއެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެ، އެ ގައުމާ އެކު ވަރަށް ގާތް ގުޅުމެއް އޮތެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުކޮށްފައި ތިބި ކަމަށް ބުނެ އޭރު އިދިކޮޅުގައި ތިއްބެވި މިހާރު މި ސަރުކާރުގެ ވެރިން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އިންޑިއާއާ އެކު ގާތް ގުޅުމެއް އޮތެވެ. އެކަމަކު، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބޮޑަށް ބަރޯސާވީ ޗައިނާގެ އެހީއަށެވެ. އޭރު ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގީ ޗައިނާގެ އެހީގައެވެ. މި ސަރުކާރުން ވެސް ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ.

އިންޑިއާގެ ރަޝްރަޕަތީ ބަވަންއަށް ވަޑައިގަތުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. އަދި، އޭގެ ފަހުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

https://sun.mv/208958

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ މާލީ ދަތިތަކާއި ބޮޑެތި ދަރަނިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ގައުމަށް ދަރަނި އަދާކުރެވި، އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިވަނީ އިންޑިއާގެ ދީލަތި އެހީގެ ސަބަބުން ކަމަށާއި، އިންޑިއާއިން އެހީނުވާނަމަ މިހާރު އޮންނާނީ ދަރަނި އަދާނުކުރެވިފައި ކަމަށް ކުރީގެ ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންޑިއާގެ އޭއެންއައި ނިއުސްއަށް އިންޓަވިއުއެއް ދެއްވައިފައެވެ.

އަދި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް